އެމެޒޯން ކިއުއަށް ހެކަރަކު ދިން ހަމަލާއަކުން އެތައް މިލިއަން ބަޔަކު ނުރައްކަލަށް!

އެމެޒޯން ކިއުއަށް ހެކަރަކު ދިން ހަމަލާއަކުން އެތައް މިލިއަން ބަޔަކު ނުރައްކަލަށް!

އެމެޒޯންގެ އޭއައި ކޯޑިން އެސިސްޓެންޓް، އެމެޒޯން ކިއުއަށް ހެކަރަކު ދިން ހަމަލާއަކާ ގުޅިގެން، އެ އެޕްލިކޭޝަން ބޭނުންކުރާ ގާތްގަނޑަކަށް އެއް މިލިއަން މީހުންނަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެއްޖެއެވެ.

މި ހަމަލާގައި ހެކަރު ވަނީ ޔޫޒަރުންގެ ފައިލްތައް ފޮހެލައި، ކްލައުޑްގައިވާ މުހިންމު ވަސީލަތްތައް ނައްތާލެވޭނެފަދަ ނުރައްކާތެރި ކޯޑެއް އެމެޒޯން ކިއުގެ ވިޝުއަލް ސްޓޫޑިއޯ ކޯޑް އެކްސްޓެންޝަނަށް ލައިފައެވެ.

މި ހަމަލާ ދީފައިވަނީ އެމެޒޯން ކިއުގެ އޯޕަން ސޯސް ގިޓްހަބް ރެޕޮސިޓަރީއަށް "ޕުލް ރިކުއެސްޓެއް" ހުށަހަޅައިގެންނެވެ. އެމެޒޯންގެ ފަރާތުން މި ރިކުއެސްޓް އެކްސެޕްޓް ކުރުމާއެކު، ނުރައްކާތެރި ކޯޑު ހިމެނޭ 1.84.0ވަނަ ވާޝަން ޖުލައި 17ވަނަ ދުވަހު އާންމުންނާ ހަމައަށް ދޫކޮށްލެވުނެވެ.

މިކަމާ ގުޅިގެން އެމެޒޯނުން ފުރަތަމަ ހިމޭނުން އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކުންފުންޏަށް އަމާޒުވިއެވެ. ހަމަލާ ދިން ހެކަރު ބުނީ އޭނާގެ މަޤްސަދަކީ ގެއްލުމެއް ދިނުން ނޫން ކަމަށާއި، އެމެޒޯންގެ ސެކިއުރިޓީ ނިޒާމުގެ ބަލިކަށިކަން ހާމަކުރުން ކަމަށެވެ. އަދި އެމެޒޯންގެ ސެކިއުރިޓީ އުސޫލުތަކަކީ ހަމައެކަނި "ދެއްކުންތެރިކަމެއް" ކަމަށް ސިފަކުރިއެވެ.

ސެކިއުރިޓީ އެކްސްޕާޓުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އޯޕަން ސޯސްގެ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެމެޒޯނުން އެކަމާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުމުގައި ހުރި ދޯދިޔާ ކަމެކެވެ. ކޯޑު ރިވިއުކޮށް، ހުއްދަ ނޫން ބަދަލުތައް ދެނެގަތުމުގެ ނިޒާމު ފޭލްވުމުގެ ސަބަބުން މި ނުރައްކާ އާންމުންނާ ހަމައަށް ދިޔައީއެވެ.

އެމެޒޯނުން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، "ޓެކްނިކަލް އެރާއެއްގެ" ސަބަބުން މި ނުރައްކާތެރި ކޯޑު ހިނގާފައިނުވާ ކަމަށާއި، ކަސްޓަމަރުންގެ އެއްވެސް ވަސީލަތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އެކުންފުނިން ވަނީ މިހާރު އެ ކޯޑު ނަގައި، ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އާ ވާޝަނެއް ނެރެފައެވެ. އަދި އެމެޒޯނުން ވަނީ ޔޫޒަރުންނަށް އެ އެކްސްޓެންޝަންގެ 1.85.0 ނުވަތަ އެއަށްވުރެ ފަހުގެ ވާޝަނަކަށް އަޕްޑޭޓް ކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ހާދިސާއިން ދައްކުވައިދެނީ އޭއައި ޓެކްނޮލޮޖީތައް ސޮފްޓްވެއަ ތަރައްޤީކުރުމުގައި ބޭނުންކުރާއިރު، ކޯޑް ރިވިއުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ހަރުދަނާ އުސޫލުތަކެއްގެ މުހިންމުކަމެވެ.

އެމެޒޯން ކިއު އަކީ، އެމެޒޯން ވެބް ސާވިސަސް އިން ތަރައްޤީކޮށްފައިވާ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ ކޯޑިން އެސިސްޓެންޓެކެވެ. މީގެ މައިގަނޑު މަޤްސަދަކީ، ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ކޯޑް ލިޔުމަށާއި، ކޯޑުގައި ހުންނަ މައްސަލަތައް ހައްލުކުރުމަށާއި، އެމެޒޯންގެ ކްލައުޑް ޚިދުމަތްތައް ބޭނުންކުރުމަށް ފަސޭހަކޮށްދިނުމެވެ.

ޑިވެލޮޕަރުންގެ މެދުގައި މަޤްބޫލު "ވިޝުއަލް ސްޓޫޑިއޯ ކޯޑް" ފަދަ ޕްލެޓްފޯމްތަކަށް އެކްސްޓެންޝަނެއްގެ ގޮތުގައި މި ޚިދުމަތް ލިބެއެވެ. މާނައަކީ، މިއީ ހަމައެކަނި ކޯޑް ލިޔެދޭ އާލާތެއް ނޫން ކަމާއި، އެމެޒޯން ވެބް ސާވިސަސް ޔޫޒަރުންގެ އެކައުންޓްތަކާ ސީދާ ގުޅިފައިވާ، އެ އެކައުންޓްތަކުގެ ވަސީލަތްތަކަށް ބަދަލުގެނައުމުގެ ބާރު ލިބިފައިވާ އެޕްލިކޭޝަނެއް ކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު