ސޮރީގެ ފަހު ޝޯތައް މިރޭ ފަށަނީ

މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ހައުސްފުލް ޝޯތަކަށް ފަހު ފާތިމަތު ނަހުލާގެ ޑްރާމާ ފިލްމު "ސޮރީ" އޮލިމްޕަހުން ނެގުމަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ ޖޫން މަހުގެ 17ގައި ދައްކަން ފެށި ނަހުލާގެ ޑްރާމާ ފިލްމު ޕްރިމިއާ ކުރިއިރު ވެސް އޮތީ އެތައް ޝޯތަކެއް ހައުސްފުލްކޮށެވެ. ބާރު ބޮޑު އޮލިމްޕަހަށް އިތުރު ހަލަބޮލިކަމެއް ގެނައީ ނަހުލާ ބްރޭކަކުން އައިސް ނެރުނު މި ފިލްމުންނެވެ. ނަހުލާގެ ކުރީގެ ފޭނުންނާއި އާ ފޭނުން ވެސް ތިބީ ސޮރީއަށް ކެތްމަދުވެފައެވެ.

ކާމިޔާބު ޝޯތަކަކަށް ފަހު މިހާރު ޓީމުން ތައްޔާރުވަނީ ފިލްމުގެ އެންމެ ފަހު ޝޯތައް ދެއްކުމަށެވެ. އެގޮތުން، މި ފިލްމުގެ ވަދާއީ ހަތަރު ޝޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން، ފުރަތަމަ ޝޯ ދައްކާނީ މިރެއެވެ. ފަހު ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހަށެވެ.

މީގެ ކުރީން އެޅުވުމަށް ހަމަޖެހިފައިވަނީ ވަދާއީ ދެ ޝޯއެކެވެ. ނަމަވެސް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ލިސްޓަށް އިތުރު ދެ ޝޯއެއް އިތުރުކުރިއެވެ. މި ޝޯތަކުގެ ޓިކެޓު ދޫކުރަމުން އަންނަ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

ނަހުލާގެ ސޮރީގެ އޮލިމްޕަސް ސައިކަލް ނިމޭއިރު 50 އަށްވުރެ ޝޯ އަޅުވާފައިވާނެއެވެ. އެއާއެކު ފިލްމު ވާނީ ދިވެހި ފިލްމީ ތާރީޚުގައި ވެސް އެންމެ ގިނަ ޝޯ އެޅުވި ފިލްމަށެވެ.

މީގެ ކުރީން އެންމެ ގިނަ ޝޯތައް ދެއްކިކަމުގެ ރިކޯޑު އޮތީ ވެސް ނަހުލާ އަތުގައެވެ. އެއީ، ނަހުލާގެ ހިޓް ޑްރާމާ ފިލްމު "ޔޫސުފް"އިންނެވެ. ނަހުލާ 2008 ވަނަ އަހަރު ނެރުނު އަސަރުގަދަ ޔޫސުފް ވަނީ 50 ޝޯއެއް ހައުސްފުލްކޮށް ދައްކާފައެވެ. އެއާއެކު ނަހުލާ މުގުރާލަން ރެޑީ ވަނީ އޭނާގެ 17 އަހަރުގެ ދިގު ރިކޯޑެކެވެ

ސޮރީގެ ލީޑުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި މަރިޔަމް ނިޝާ ވެސް ފެންނާނެއެވެ.

comment ކޮމެންޓް