އާ ފެންޓާސްޓިކް ފޯ ވެސް ބޮޑު ހިޓަކާ ދިމާލަށް

ޑިޒްނީން މިހާތަނަށް އެންމެ ގިނަ ފަހަރަށް ރީބޫޓްކޮށްފައިވާ މާވެލްގެ ސުޕަހީރޯ ޓީމުގެ ފްރެންޗައިޒް ކަމަށްވާ "ފެންޓަސްޓިކް ފޯ"ގެ އާ ރީބޫޓް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

ފެންޓާސްޓިކް ފޯ އަލުން ރީބޫޓުކޮށް މުޅީން އާ ތީމަކުން ނެރުމަށް އިއުލާނުކޮށްފައިވަނީ މީގެ ތިން އަހަރު ކުރީންނެވެ. އެއަށް ފަހު، މީގެ ދެ އަހަރު ކުރީން ފިލްމަށް އެކްޓަރުން ހޯދަން އިއުލާނުކޮށްފައިވެއެވެ.

ކޮމިކްތަކަށް ބިނާކޮށް ޑިޒްނީން ތައްޔާރުކުރާ މާވެލް ސުޕަހީރޯ ފިލްމުތަކެއް ކަމަށްވާ ފެންޓާސްޓިކް ފޯ ހިޓަކަށް ހަދަން މަސައްކަތްކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

އެންމެ ފަހުން 2015 ގައި ކުރި ރީބޫޓު ބޮޑު ފްލޮޕަކަށް ވުމުން މި ފިލްމަށް ގިނަ އުއްމީދުތަކެއް އޮތެވެ. މިދިޔަ ހަފުތާ ބަންދުގައި ފިލްމު ދައްކަން ފަށާފައިވާއިރު މި ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބެމުން އެބަ ދެއެވެ.

ހަފުތާ ބަންދުގައި އެކަނި ވެސް މި ފިލްމަށް 218 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއިން 118 މިލިއަން ޑޮލަރަކީ އެމެރިކާއިން އެކަނި ހޯދާފައިވާ އާމްދަނީއެވެ. މި ކާމިޔާބީއާ އެކު ޑިޒްނީން ލަފާކުރާ ގޮތުގައި މި ހަފުތާ ނިމޭއިރު ފިލްމުގެ އާމްދަނީ 500 މިލިއަން ޑޮލަރާ ހަމަކުރާނެއެވެ.

އަލަށް ނެރޭ ފިލްމުގައި ލީޑް ރޯލުން ފެންނާނީ ޕެޑްރޯ ޕާސްކަލާއި ޖޮސެފް ކުއިނާއި ވެނެސާ ކާބީ އަދި އިބަން މޮސްއެވެ.

ފެންޓާސްޓިކް ފޯގެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 1994 ވަނަ އަހަރެވެ. އެއަށް ފަހު ފިލްމު ފްރެންޗައިޒް ފުރަތަމަ ރީބޫޓްކޮށްފައިވަނީ 2005 ގައެވެ. އެ ފަހަރު ވަނީ ދެ ފިލްމެއް ނެރެފައެވެ. ދެން އަނެއްކާ 2015 ވަނަ އަހަރުގައި ފިލްމު ރީބޫޓް ކުރިއެވެ. އެ ފަހަރު ވެސް ފިލްމުވީ ދިޔައީ ބޮޑު ފްލޮޕަކަށެވެ. އެއާއެކު މި ފަހަރުގެ ފިލްމަށް ވާނެ ގޮތެއް ބަލަން ވަރަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. ކްރިޓީކުންގެ މެދުގައި ވެސް މި ފިލްމުގެ މަގުބޫލުކަން ބޮޑެވެ. އެގޮތުން އަލަށް ނެރުނު ފިލްމުގެ ރޭޓިން ރޮޓެން ޓޮމާޓޯސްގައި ހުރީ 89 ޕަސެންޓުގައެވެ.

comment ކޮމެންޓް