ކުރިއަށް އޮތް އޮގަސްޓް މަހު ރިލީޒްކުރާ ވައިއާރްއެފްގެ ސްޕްއި ޔުނިވާސް ފިލްމު "ވޯ 2"އިން ރިތިކް ރޯޝަންއަށް ވުރެ އެތައް ގުނަ ބޮޑު އާމްދަނީއެއް ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރަށް ލިބޭ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ.
ފިލްމުގެ ލީޑް އެކްޓަރުންގެ ތެރޭ ހިމެނޭ ރިތިކް ރޯޝަނަކީ ބޮލީވުޑްގެ އޭ ލިސްޓު ތަރިންގެ ތެރޭ ހިމެނޭ އެކްޓަރެއް ނަމަވެސް "ވޯ 2"އިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފިލްމީ ތަރިއަކީ ސައުތު ސިނަމާގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ ޖޫނިއަ އެންޓީއާރެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުގައި ފިލްމުގެ ބަޖެޓުން 150 ކްރޯޑު ރުޕީސް (17.3 މިލިއަން އެމެރިކާ ޑޮލަރު)އަށް ވުރެ ބޮޑު އަދަދެއް ފިލްމުގެ ލީޑް ތަރިންނަށާއި ޑައިރެކްޓަރަށް ހޭދަކުރިއިރު ޖޫނިއާ އެންޓީއާރަށް ހުށަހަޅާފައިވަނީ 70 ކްރޯޑު ރުޕީސް (8.1 މިލިއަން ޑޮލަރު) ކަމަށެވެ. ރިތިކް މި ފިލްމަށް ސޮއިކޮށްފައިވަނީ 50 ކްރޯޑު ރުޕީސް (6 މިލިއަން އެމެރިކާ ޑޮލަރަ)ށެވެ.

ފިލްމު "ވޯ 2"ގެ ލީޑް ތަރިން ފެންނަ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމަކީ މި އަހަރު ސިނަމާތަކަށް ވައިއާރްއެފްއިން ގެނެސްދޭ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު މިއީ ރިތިކާއި ޖޫނިއާ އެންޓީއާރްގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ބެލުންތެރިން ތަޖުރިބާކުރާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ހަމައެއާއެކު މިއީ ސްޕްއި ޔުނިވާސްއިން މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެވެ. ސްޕައި ޔުނިވާސްއިން މިހާތަނަށް އުފެއްދި ފިލްމުތަކުގެ ތެރޭ އެންމެ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމަކީ 350 ކްރޯޑު ރުޕީސް ހޭދަކޮށްގެން އުފެއްދި ފިލްމު "ޓައިގާ 3"އެވެ. ފިލްމު "ވޯ 2" އުފައްދާފައި ވަނީ 400 ކްރޯޑު ރުޕީސްގެ ބަޖެޓަކުންނެވެ.
ކުޅަދާނަ ޒުވާން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ "ވޯ 2" ސިނަމާތަކަށް ގެނެސްދޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތާ ދިމާކޮށެވެ. މި ފިލްމުގެ ބަތަލާގެ ރޯލްއިން ކިއާރާ އަދުވާނީ ފެންނާނެއިރު އެކްޓަރު އަނިލް ކަޕޫރު ވެސް މުހިއްމު ރޯލަކުން ފެންނާނެއެވެ.