ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އިމުގެ މައްސަލައިގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލައި، މައްސަލަ ހައްލުކުރަން އަމާޒުކޮށްގެން މަޝްވަރާކުރަން ދެ ގައުމުގެ ލީޑަރުން މެލޭޝިއާގައި ބައްދަލުކުރަން ނިންމައިފިއެވެ.
މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ބެންކޮކްގެ ވަފުދުގެ އިސްވެރިއަކަށް ވަޑައިގަންނަވާނީ ތައިލެންޑްގެ އެކްޓިން ބޮޑުވަޒީރު ފުމްތަމް ވެޗައިޗައިއެވެ. އެ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ މެލޭޝިއާ ގަޑިން މިއަދު މެންދުރު ފަހެވެ.
މަޝްވަރާތަކުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރަކީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސީއަން) ރީޖަނަލް ބްލޮކްގެ ޗެއާމަންއެވެ. ތައިލެންޑާއި ކެމްބޯޑިއާގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށް ކުރާ މަޝްވަރާތަކުގެ މެދުވެރިއަކަށްވުމަށް މެލޭޝިޔާއިން ވަނީ ހުށަހަޅާފައެވެ.
ހަމަލާތައް ހުއްޓާނުލައިފިނަމަ، އެމެރިކާއާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ އެއްބަސްވުންތައް މެދުކަނޑާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ގައުމަށް ވެސް އިންޒާރުދެއްވާފައެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ގާއިމުކުރުމަށް ދެ ގައުމުގެ ލީޑަރުންނާ ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
"އަޅުގަނޑު ދެ ބޮޑުވަޒީރުންނާ ވެސް ވާހަކަދެއްކިން. އަޅުގަނޑަށް ހީވަނީ ދެ ފަރާތުން ވެސް މިހާރު ސުލްހަ ބޭނުންވާހެން،" ޓްރަމްޕް ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ގައުމު ސިފައިން ބަދަލުކުރަމުން ގެންދާ ހަމަލާތަކުގައި އިއްޔެއާއި އިއްޔެ ރޭ ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެ ހަމަލާތަކުގައި ހަ މީހަކު މަރުވެ، އިތުރުބަޔަކު ޒަޚަމުވިކަމަށް ޚަބަރުތައް ބުނެއެވެ.
ހަމަލާތައް ދީފައިވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިރުމަތިން ގާތްގަނޑަކަށް 360 ކިލޯމީޓަރު ދުރުގައި އޮންނަ ކެމްބޯޑިޔާއާއި ތައިލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި ހުންނަ ޓާ މޯއަން ތޮމް ފައްޅި ހިމެނޭ ސަރަހައްދަށެވެ.
ހަމަލާތަކުގެ ޒިންމާ އެއް ގައުމު އަނެއް ގައުމުގެ ބޮލުގައިވަނީ އަޅުވާފައެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.