ރީތި ދިގު އިސްތަށިގަނޑެއް އޮތުމަކީ ކޮންމެ އަންހެނަކު ވެސް ވަރަށް ބޭނުންވާ އެ ކަމަށް ވަރަށް ގިނަ މަސައްކަތްތައް ވެސް ކުރާ ކަމެކެވެ. މިހާރު ބައެއް ފިރިހެނުން ވެސް މެއެވެ.
އިސްތަށިގަނޑު ދިގުކޮށް ބަހައްޓަން ބޭނުންވާ މީހުންނާއި އިސްތަށިގަނޑު ރީތި ވަރަކަށް ކުރުކޮށް ބަހައްޓަން ބޭނުންވާ މީހުން ވެސް އުޅޭއިރު ބައެއް މީހުންނަކީ އެ މީހެއްގެ އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ހޭދައެއް ކުރާ މީހުންނެވެ.
އިސްތަށިގަނޑުގެ ދުޅަހެޔޮކަމާ އެއްވަރަށް އިސްތަށިގަނޑު ދިގުވުމަކީ ގިނަ ފަހަރަށް އާއިލާގެ ތެރެއިން ވާރުތަވަމުން އަންނަ ކަމެއް ކަމަށް ވިމެންސް ހެލްތު، އެސްތެޓިކްސް އެންޑް ކޮސްމެޓިކްސް އަދި ސްކިން ކެއާ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޑރ. ސިންތިއާ ކޯބް ވަނީ ބުނެފައެވެ.
ނަމަވެސް، އެކަމާ މާޔޫސްވުމުގެ ބަދަލުގައި ސަމާލުކަން ދެވިދާނެ ކަންކަން އެބަހުރި ކަމަށް ޑރ. ސިންތިއާ ކޯބް ވަނީ ބުނެފައެވެ. ހަށިގަނޑަށް ދުޅަހެޔޮ ކާނާ ބޭނުންވާ ފަދައިން ބޮލުގެ އިސްތަށިގަނޑަށް ވެސް ދުޅަހެޔޮ ކާނާ ވަރަށް މުހިންމު ކަމަށް ޑރ.ސިންތިއާ ކޯބް ވަނީ ފާހަގަކޮށްފައެވެ.

އެކި ވައްތަރުގެ ތެޔޮ ބޭނުންކޮށްގެން ގަވައިދުން އިސްތަށިގަނޑު މަސާޖު ކުރުމަކީ ދުޅަހެޔޮކޮށް އިސްތަށިގަނޑު އޮތުމުގެ އިތުރުން އިސްތަށިގަނޑު ދިގުވުމަށް ވެސް އެހީތެރިވެދޭ ކަމެއް -- ފޮޓޯ/ ސީސާކެއަ
އެގޮތުން، އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރަން ބޭނުންވާނަމަ ޕްރޮޓީންސްގެ މާއްދާތަކުން މުއްސަނދި ކެއުންތައް ކެއުމުގައި ހިމަނާލެވިދާނެއެވެ. އޭގެ ތެރޭގައި، ބީންސް، ބިސް، މަހުގެ ބާވަތްތައް، އެކި ވައްތަރުގެ ބަދަނުގެ ބާވައްތައް، މުގުގެ ބާވައްތައް އަދި އޮއްތައް ހިމެނެއެވެ. ޑރ. ސިންތިއާ ކޯބް ފާހަގަކުރި ގޮތުގައި ޕްރޮޓީންސްގެ މާއްދާތަކުން ހަށިގަނޑަށް އޭގެ ހެޔޮ އަސަރު ކުރުމުގައި އެ މީހަކު ހެލިފެލިވެ އުޅޭ މިންވަރު ވަރަށް ވެސް މުހިންމެވެ.
ޕްރޮޓީންއަށް ފަހު އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް އިސްތަށިގަނޑު ދިގުކުރުމަށް އެހީވެދޭ އެންމެ މުހިންމު އެއް މާއްދާއަކީ އަޔަން ނުވަތަ ދަގަނޑުގެ މާއްދާތައް އެކުލެވޭ ކާނާއެވެ. އޭގެ ތެރޭގައި، މުގުގެ ބާވަތްތައް، ބަރަބޯ އޮށް، ގެރި މަސް، ސްޕިނެޗް، އޮއިސްޓަ އަދި ހުދު ކުލައިގެ ބީންސް ހިމެނެއެވެ.
ކުރިން 2011 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކެއުމުގެ ބާވަތްތަކުގެ އިތުރުން އަރޯމާތެރަޕީއަކީ ވެސް އިސްތަށިގަނޑު ދިގުކޮށް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން، ސެޑަވުޑް، ލެވެންޑަ، ރޯޒްމެރީ، ތައިމް އަދި ގަނދަކޯޅި ފަތް ކާށި ތެޔޮ ނުވަތަ އެސެންޝަލް އޮއިލްއާ އެއްކޮށްލުމަށް ފަހު ބޮލުގެ ހަންގަނޑުގައި ހޭކުމުން އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދޭ ކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ.
ނަމަވެސް، މި ދެންނެވުނު ކަންކަމުގެ ތެރޭގައި ބޭނުންކުރާ ބައެއް އުފެއްދުންތަކަކީ ހަށިގަނޑާ ނުގުޅޭ ނުވަތަ އެލާޖިކްވާ އުފެއްދުންތައް ކަމަށްވާނަމަ އެ އުފެއްދުންތައް ބޭނުންކުރުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ސަމާލުކަން ދިނުމަށް ޑރ. ސިންތިއާ ކޯބް ވަނީ އިރުޝާދު ދީފައެވެ.