އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ހާދިސާ ހިނގިކަމަށް ބެލެވެނީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ގޮވުމެއް ގޮވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:45 ހާއިރެވެ. މި ހާދިސާގައި ދެ ބިދޭސިއަކު ފިހި، މިހާރު ވަނީ މާލެ ގެނެސްފައެވެ.
ހާލު ދެރަކަމުން އެ ދެ ބިދޭސީންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.
"ސަން"އިން ސުވާލުކުރުމުން ފުލުހުން ބުނީ، މި ހާދިސާ ހިނގުމަށް މެދުވެރިވީ ގޭސް ލީކުވެފައި ހުރި ވަގުތު އުނދުން ރޯކުރުން ކަހަލަ ކަމެއް މެދުވެރިވެގެން ކަމަށް، ފުލުހުންގެ ތަހްގީގަށް ފާހަގަކުރެވުނު ކަމަށެވެ.
"ގޭސް ލީކުވެފަ ހުއްޓާ ސްޕާކެއް ނޫނީ އުނދުން ރޯކުރުން ކަހަލަ ކަމެއް މެދުވެރިވެގެން އަލިފާން ރޯވި ކަމަށް ބެލެވެނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ދެ ބިދޭސީންގެ ހާލު ދަށް ކަމުގެ މައުލޫމާތުގެ އިތުރުން އިތުރު އެއްވެސް ތަފްސީލެއް އައިޖީއެމްއެޗުން ނުދެއެވެ.
ގޭސް ލީކް ވެގެން ހިނގާ އެކިއެކި ހާދިސާތަކުގައި މީހުންނަށާއި މުދަލަށް މީގެ ކުރިން ވެސް ބޮޑެތި ގެއްލުންތަކެއް ވެފައި އެބަހުއްޓެވެ.