މެލޭޝިއާ މުބާރާތުގެ ޑަބަލްސް އިވެންޓުން ޒަޔާނާއި ނިބާލަށް ވެސް ރަން މެޑަލް

މުބާރާތުގެ ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި ރާއްޖޭގެ ޕެއާ--

މެލޭޝިއާގައި ކުރިއަށްދިޔަ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގެ އޯޕަން ކެޓަގަރީގެ ފިރިހެން ޑަަބަލްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީއާއި ނިބާލް އަހުމަދުގެ ޕެއާއިންން ރަން މެޑަލް ހޯދައިފިއެވެ.

މި މުބާރާތަކީ ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ ކަމަށްވާ ބީޑަބްލިއުއެފްއިން ގަބޫލުކުރާ މުބާރާތެއް ނޫނެވެ. ބީޑަބްލިއުއެފްއިން ރާއްޖެ ސަސްޕެންޑުކުރުމާ އެކު، އެ ސަސްޕެންޝަނުގައި އޮތް މުއްދަތުގައި ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފްއިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެއެވެ.

އެހެންކަމުން ރާއްޖޭގެ މި ދެ ކުޅުންތެރިން ވާދަކޮށްފައިވަނީ މެލޭޝިއާގެ ސްޓޭޓް ލެވަލް މުބާރާތެއް ކަމަށްވާ އެމްބީއޭ ޗެމްޕިއަންޝިޕްގައެވެ. މުބާރާތުގެ ފޯމެޓް އޮތްގޮތުން ކުޅެނީ، 31 ޕޮއިންޓުން ނިމޭގޮތަށް އެއް ސެޓަށެެވެ.

ދުނިޔޭގެ ބެޑްމިންޓަނުން ރާއްޖެ ސަސްޕެންޑްކުރިކަން އިއުލާނުކުރީ މި އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް ބައިން ނިބާލާއި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދީ ފައިނަލުގައި 31-28 އިން އިންޑޮނޭޝިއާގެ ރިސްކީ އަންތަސާރީއާއި ސައުދީ އަރަބިއްޔާގެ އަހުމަދު އަންދާ ފަހުމީގެ ޕެއާއާ ވާދަކޮށްގެންނެވެ.

ނިބާލާއި ޒަޔާންގެ އިތުރުން މި މުބާރާތުގައި ރާއްޖޭން ދެން ވާދަކުރި ކުޅުންތެރިންނަކީ ނަބާހާ އަބްދުއްރައްޒާގާއި ނަބީހާ އަބްދުއްރައްޒާގެވެ. ނަބާހާއާއި ނަބީހާ ވަނީ މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދާފައެވެ.

comment ކޮމެންޓް