މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

ލ. މާވަށުގައި މަރުވި މޫސާ އިބްރާހިމް: ހަމަލާ ދިނީ އޭނާގެ ކަރަށް --

ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މިއަދު މަރާލައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގައި މަރުވީ އެ ރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީ ހިނގީ މިއަދު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގައި ކަމަށާއި މޫސާ އިބްރާހީމަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ 10:22 ހާއިރު ކަމަށް ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ހާދިސާގެ މަންޒަރު ދުށް މީހަކު 'ސަން'އަށް ބުނީ، މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ ނޭނގި ހުއްޓައި ފަހަތުން ގޮސް ކަރަށް ކަމަށެވެ.

މާވަށުގައި މީހަކަށް ހަމަލާދީ މަރާލި ތަން: އެ މީހާ ވަނީ މަރުވެފައި -- ސަން ފޮޓޯ

މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ އެ ރަށަށް އައިސް އުޅޭ އެހެން ރަށެއްގެ ދިވެއްސެއް ކަމަށް ބުންޏެވެ. އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. ފުލުހުން ވެސް ބުނީ، މާރާމާރީ ހިނގީ ދެ މީހުންގެ މެދުގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ.

މި މާރާމާރި ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާއާއި މަރުވި މީހާއަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

މި ހާދިސާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް