ލ. މާވަށުގައި މިއަދު ހެނދުނު މީހަކަށް ވަޅިން ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށްފައވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގައި މަރުވީ އެ ރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީ ހިނގީ މިއަދު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގައި ކަމަށާއި މޫސާ އިބްރާހީމަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ 10:22 ހާއިރު ކަމަށް ރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހާދިސާގެ މަންޒަރު ދުށް މީހަކު 'ސަން'އަށް ބުނީ، މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ ނޭނގި ހުއްޓައި ފަހަތުން ގޮސް ކަރަށް ކަމަށެވެ.
މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ އެ ރަށަށް އައިސް އުޅޭ އެހެން ރަށެއްގެ ދިވެއްސެއް ކަމަށް ބުންޏެވެ. އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. ފުލުހުން ވެސް ބުނީ، މާރާމާރީ ހިނގީ ދެ މީހުންގެ މެދުގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
މި މާރާމާރި ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާއާއި މަރުވި މީހާއަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
މި ހާދިސާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.