ޓެސްލާއިން ސެމްސަންގާ އެކު 16.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓެސްލާ--

އެމެރިކާގެ ކާރު އުފައްދާ ކުންފުނި، ޓެސްލާއިން އެކުންފުނީގެ އަންނަ ޖީލުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފެއްދުމަށް ދެކުނު ކޮރެއާގެ ޓެކްނޮލޮޖީ ކުންފުނި، ސެމްސަންގް އިލެކްޓްރޯނިކްސްއާ އެކު 16.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓެސްލާގެ ސީއީއޯ އީލޮން މަސްކް މިކަން ހާމަކުރެއްވުމާއެކު، ސެމްސަންގެ ގެއްލުމުގައި ހިންގަމުން އަންނަ ކޮންޓްރެކްޓް މެނުފެކްޗަރިންގެ ވިޔަފާރިއަށް މިއީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެސްލާއާއެކު ހެދި އެއްބަސްވުމުގެ ޚަބަރު ޢާންމުވުމާއެކު، ސެމްސަންގްގެ ހިއްސާގެ އަގު ވަގުތުން 6.8 އިންސައްތަ އުފުލުނެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ރިކޯޑްކުރެވުނު އެންމެ މަތީ އަގެވެ.

އީލޮން މަސްކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެސްލާގެ "އޭއައި6" ޗިޕް އުފައްދާނީ އެމެރިކާގެ ޓެކްސަސްގެ ޓޭލާގައި ހަދާފައިވާ ސެމްސަންގެ އާ ފެކްޓްރީގައި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއީ ސެމްސަންގްގެ މި ޕްރޮޖެކްޓަށް އާ ދިރުމެއް ލިބޭނެ ކަމެކެވެ. ބޮޑެތި ކަސްޓަމަރުން ހޯދުމަށް ދިމާވި ދަތިތަކާ ހެދި މި ޕްރޮޖެކްޓް ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.

"އިތުބާރާ ޔަގީންކަމާއެކު ޓެސްލާއަށް އެހީތެރިވުމަށް ސެމްސަންގުން ވަނީ އެއްބަސްވެފަ. މިއީ ވަރަށް މުހިންމު ނުކުތާއެއް. އަޅުގަނޑު އަމިއްލައަށް އިސްވެ ހުރެގެން މަސައްކަތް އަވަސްކުރާނަން. އަދި މި ފެކްޓްރީ ހުންނަނީ އަޅުގަނޑުގެ ގެއާ މާ ދުރު ނޫން ހިސާބެއްގައި،" މަސްކް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި 16.5 ބިލިއަން ޑޮލަރަކީ ވަރަށް ކުޑަ އަގެއް ކަމަށާއި، ހަގީގީ އުފެއްދުން މިއަށްވުރެ އެތައް ގުނައެއް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެނަލިސްޓުން ބުނާ ގޮތުގައި ސެމްސަންގެ ޓޭލާ ފެކްޓްރީއަށް މިހާތަނަށް އެއްވެސް ކަސްޓަމަރަކު ލިބިފައި ނުވާތީ، ޓެސްލާގެ މި އޯޑަރަކީ ވަރަށް މާނަހުރި ކަމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ކަސްޓަމަރުން ނުލިބުމުގެ ސަބަބުން ސެމްސަންގުން ވަނީ ޓެކްސަސް ފެކްޓްރީއަށް ބޭނުންވާ ޗިޕް ހަދާ މެޝިންތައް ގެނައުން ލަސްކޮށް، ފެކްޓްރީ ހުޅުވުން 2026ވަނަ އަހަރަށް ފަސްކޮށްފައެވެ.

މި އެއްބަސްވުމަކީ ދުނިޔޭގެ މެމޮރީ ޗިޕް ބާޒާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސެމްސަންގުން، އެހެން ކުންފުނިތަކަށް ޗިޕް އުފައްދައިދިނުމުގެ ވިޔަފާރި ފުޅާކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

ޓްރެންޑްފޯސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިވަގުތު ސެމްސަންއަށް މި ބާޒާރުގެ އެންމެ އަށް އިންސައްތަ ލިބިފައިވާއިރު، ލީޑަރު ޓީއެސްއެމްސީއަށް 67 އިންސައްތަ ލިބެއެވެ.

ސެމްސަންގުން މީގެކުރިން ވަނީ ކަސްޓަމަރުގެ ނަން ހާމަނުކޮށް މި އެއްބަސްވުމުގެ ވާހަކަ އިއުލާންކޮށްފައެވެ. ނަމަވެސް، މި މައްސަލައިގެ މައުލޫމާތު ލިބިފައިވާ ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ވަނީ މި އެއްބަސްވުމުގެ ފަހަތުގައިވަނީ ޓެސްލާކަން ކަށަވަރުކޮށްދީފައެވެ.

މި އެއްބަސްވުން 2033ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާނެއެވެ.

comment ކޮމެންޓް