ރާއްޖޭގައި އެތައް ބައިވަރު ކުރެހުންތެރިން އުޅެއެވެ. އެ މީހުންގެ މައުރަޒުތައް ވެސް ބާއްވައެވެ. އެކަމަކު، އަންނަ މަހު ފަހެއްގައި ހުޅުވާ އަބްދުﷲ ފާއިޒްގެ 'އިހުސާސް' މައުރަޒު ވަރަށް ތަފާތު ވާނެއެވެ. އެއީ، އެހެން ކުރެހުންތެރިންނަށް ވުރެ ޚާއްސަ ގޮތަކަށް ފާއިޒް މި މައުރަޒު ސިފަކޮށްދެއްވާތީއެވެ.
މިހާތަނަށް ހަތަރު މައުރަޒެއް ބާއްވަވާފައިވާ ފާއިޒް މި ފަހަރު އޭނާގެ ކުރެހުންތައް ގުޅުވައިލަ ދެއްވީ އިހުސާސްތަކާއެވެ. އެއީ ވެސް ވަރަށް ތަފާތުކޮއްވެ.
މި މައުރަޒުގެ ނަމަކީ "އިހުސާސް"އެވެ. މި ނަން ފެނުމުން ކުރެހުންތަކަކާ އެ ނަމާ ހުރި ގުޅުމަކީ ކޮބައިބާއޭ ހިތަށްއަރައެވެ. އެހެންވެ، އެ ސުވާލުގެ ޖަވާބު ސާފުކޮށްލުމަށް ފާއިޒާ ސުވާލުކޮށްލީމެވެ.
ފާއިޒް ވިދާޅުވީ، އެ މައުރަޒުގައި ގިނައިން ހުންނާނީ ރާއްޖޭގެ އެކި ތަންތަނާ ގުޅޭ ކުރެހުންތައްކަމަށެވެ. އޭގެތެރޭގައި، އިހުގެ ތާރީޚީ ތަންތަން ވެސް ހިމެނެއެވެ. އެ ކުރެހުންތަކާ މައުރަޒުގެ ނަމާ ގުޅުވާލެއްވި ގޮތް ވަރަށް ހިތްގައިމެވެ. މިއީ އެތަނަކަށް ޒިޔާރަތް ކުރުމުން ނުވަތަ ފޮޓޯއަކުން އެތަނެއް ފެނުމުން މީހުންނަށް ކުރެވޭ އިހުސާސެވެ. އެހެންކަމުން، މި ފަހަރު ފާއިޒް މި ހުޅުއްވަނީ މީހުންނަށް ވަރަށް ކަމުދާނެ ކުރެހުންތަކެއް ހިމެނޭ މައުރަޒަކަށް ވާނެ ކަމަށް ބެލެވެއެވެ.
"އަޅުގަނޑުމެންނަށް ތަންތަނަށް ޒިޔާރަތްކުރީމައި، ފޮޓޯއިން ވެސް ކުރީ ޒަމާނުގެ ތަންތަން ފެނުނީމައި އަޅުގަނޑު މެނަށް އެބަ ކުރެވޭ ދެއްތޯ އިހުސާސްތަކެއް. އެތަންތަނުގައި މީހުން އުޅުނު ޒަމާނާއި އެތަންތަގާއި ކޮށްފައި ހުންނަ ކަންތައްތަކާ. އެގޮތުން، އޭނީ [މައުރަޒަށް] ނަން ދެވިފައި" ފާއިޒް ވިދާޅުވިއެވެ.

މީގެކުރިން ފާއިޒް ބޭއްވި މައުރަޒެއްގެ ތެރެއިން: މި ފަހަރުގެ މައުރަޒުގައި ފެންނާނީ ރާއްޖޭގެ އެކި ތަންތަނާ ގުޅޭ ކުރެހުންތައް ---- ފޮޓޯ/ ފާއިޒް އިމްޕްރެޝަނިސްޓް
ފާއިޒަކީ، އެންމެ ކުޑައިރުއްސުރެ ކުރެހުމަށް ލޯބިކުރައްވާ، އެކަން ކުރަމުން އައި ބޭފުޅެކެވެ. އެކަމަކު، ފާއިޒްގެ ކުރެހުންތައް އާންމުންނާ ހަމައަށް ދައްކާލުމަށް މައުރަޒުތައް ބާއްވަވަން ފެށީ ވަރަށް ފަހުންނެވެ. އެގޮތުން، ފާއިޒްގެ އެންމެ ފުރަތަމަ މައުރަޒު ބޭއްވީ ޖުލައި، 2023ގައެވެ.
ޖާނީގެ ނަމުގައި ހުޅުވި އެ މައުރަޒުގައި ފާއިޒްގެ ހުނަރާއި ތަފާތުކަން އާންމުންނަށް ދައްކަވައިލެއްއެވެ. އެއީ، އާސާރީ ތަންތަނާއި ތާރީޚު ދެނެގަތުމަށް އޭނާގެ ހިތްޕުޅުގައި އޮތް ޝައުގާއި ލޯއްބެވެ. އެހެންވެ، މިފަހަރުގެ ކުރެހުންތަކުން ވެސް އެކަން ބަލައިލަން ކެތްމަދުވާވަރު ވެއެވެ.

ފާއިޒްގެ މައުރަޒެއްގައި ހުރި ކުރެހުމެއް ކުރީގެ ރައީސް ނަޝީދު ބައްލަވާލައްވާއިރު، އަރިހުގައި ފާއިޒް --- ފޮޓޯ/ ފާއިޒް އިމްޕްރެޝަނިސްޓް
މިފަހަރުގެ މައުރަޒުގައި ހިމަނާ ކުރެހުންތައް އާންމުންނަށް ދައްކާލުމަށް ބަހައްޓާއިރު، މި ކުރެހުންތައް ގަތުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި މައުރަޒު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭ 08:30ގައި ހުޅުވުމަށް ހަމަޖެހިފައިވަނީ ޚާއްސަ ރަސްމިއްޔާތަކުންނެވެ. އެރަސްމިއްޔާތަށް ނުސްވެރިންނާއި ކުރެހުންތެރިންނަށް ދައުވަތުދޭނެއެވެ. އެރޭ މައުރަޒު ހުޅުވި ނަމަވެސް، އާންމުންނަށް މައުރަޒު ހުޅުވައިލާނީ ޖެހިގެން އަންނަ ދުވަހެވެ. އެ ދުވަހުގެ ހަވީރު 04:00އިން ރޭގަނޑު 10:00އަށް މައުރަޒު ހުޅުވާފައި ހުންނައިރު، އަންނަ މަހު 16ގެ ނިޔަލަށް މައުރަޒު ކުރިއަށް ދާނެއެވެ.
ކޮންމެ ދުވަހަކު އެ މައުރަޒު ހުޅުވާފައި ހުންނާނީ މެންދުރު 02:30 އިން ރޭގަނޑު ރޭގަނޑު 10:30އަށެވެ. އަދި، ހުކުރު ދުވަހު ހުޅުވާނީ ހަވީރު 04:00 އިން ރޭގަނޑު 10:30އަށެވެ.
އެހެންކަމުން، ފާއިޒްގެ ކުރެހުންތަކުގެ ރީތިކަމާއި އިހުސާސްތަކުގެ އަޖުމަ ބަލައިލަން އާޓް ގެލެރީއަށް ދާންވާނެއެވެ.