ބެންކޮކް (28 ޖުލައި 2025): ތައިލޭންޑުގެ ވެރިރަށް ބެންގްކޮކްގެ މާރުކޭޓެއްގައި މީހަކު ބަޑިޖަހައި، ފަސް މީހަކު މަރާލައިފިއެވެ.
ތައި ފުލުހުންނާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ބަޑި ހިފައިގެން ހުރި މީހަކު ބަޑިން ހަމަލާދިނީ "އޯތޯކޯ" މާރުކޭޓުގެ ތެރޭގައެވެ.
ބަޑީގެ އުންޑަ އެރި ހަ މީހަކު ވަގުތުން މަރުވިއެވެ. އެއީ، އެ ތަނުގައި ގާޑުންގެ ގޮތުގައި މަސައްކަތްކުރާ ހަތަރު މީހަކާއި ތަރުކާރީ ވިއްކަން ތިބި ދެ މީހެކެވެ. މީގެ އިތުރުން، ބައެއް މީހުން ޒަޚަމު ވެސް ވިއެވެ. ޒަޚަމުވި މީހުންވަނީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ތައި ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ބަޑި ހިފައިގެން ހުރި މީހާ ވެސްވަނީ އޭނާ ހައްޔަރުކުރަން އުޅުމުން އަމިއްލަ ބޮލަށް ބަޑިޖަހައިގެން މަރުވެފައެވެ. މި ހާދިސާއާ ބެހޭ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޑހިފައިގެން ހުރި މީހާ "އޯތޯކޯ" މާރުކޭޓްގެ ތެރެއަށްވަނީ އެ ތަނުގެ ކުރިމަތީގައި އޮތް ޕާކިން ޒޯނުގެ ތެރެއިންލާފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ހުރީ ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ކޮނޑުގައި ދަބަހެއް އަޅުވައިގެންނެވެ. މާރުކޭޓްގެ ތެރެއަށް ވަނުމަށް ފަހު އެ ތަނުގައި ތިބި މީހުންނަށް އަމާޒުކޮށް ބަޑިން ހަމަލާތައް ދިނީއެވެ.
ބެންގްކޮކްގެ "އޯތޮކޯ" މާރުކޭޓަކީ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް ޚާއްސަ މާރުކޭޓެކެވެ. އެ ތަނަކީ ތައިލެންޑަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ވަރަށް ގިނައިން ދާ މަޝްހޫރު ތަނެކެވެ. ފަތުރުވެރިންނާއި ދަތުރުވެރިންގެ މެދުގައި މަގުބޫލު މާރުކޭޓެކެވެ.
ބަޑިޖެހި ވަގުތުގައި ވެސް އެ ތަނުގައި ގިނަ އަދަދަކަށް ބޭރުގެ ފަތުރުވެރިން އުޅުނެވެ. އެ ހަމަލާގައި ފަތުރުވެރިއަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް އެ ހަމަލާއާ އެކު މުޅި ސަރަހައްދުގައި ބިރުވެރިކަން އުފެދުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ ތައިލެންޑާއި އެ ގައުމުގެ އަވައްޓެރި ކެމްބޯޑިޔާއާ ދެމެދު ސަރަހައްދީ ރޮނގުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިނގާ ދުވަސްވަރެކެވެ. އެހެންކަމުން މިއީ އެކަމާ ގުޅުންހުރިކަމެއްތޯ ނުވަތަ ނޫންތޯ ވަނީ ސުވާލު އުފެދިފައެވެ. ފުލުހުން ވަނީ މި ހާދިސާއާ ބެހޭ ތަހުގީގުތައް ފަށާފައެވެ.
ތައިލެންޑަކީ މަގުމަތީގައި ބަޑިޖެހުމުގެ މިފަދަ ހާދިސާތައް ވަރަށް ނުހިނގާ އަދި ނިސްބަތުން އަމާން ގައުމެކެވެ. ފަތުރުވެރިންނަށް ފަސޭހައިން އުޅެވޭގޮތަށް ކަންތައްތައް ހަމަޖައްސާފައިވާ ގައުމެކެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން ބެންކޮކްގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަން އުފެދިފައިވާކަމަށް ވެއެވެ. މިއާއެކު ފުލުހުން ވަނީ ބެންކޮކްގެ ސަލާމަތީކަން އިތުރަށް ވަރުގަދަކޮށްފައެވެ.