ރާއްޖޭގައި ފެށި އެފްއައިވީބީ ކޯޗިން ކޯހުގައި 45 ބައިވެރިން

ރާއްޖޭގައި ފެށި އެފްއައިވީބީ ކޯޗިން ކޯހުގައި 45 ބައިވެރިން --

ރާއްޖޭގެ 15 ބައިވެރިންނާއެކު، ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ ލެވެލް އެކެއްގެ ކޯޗިން ކޯސް ރާއްޖޭގައި ފަށައިފިއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯޗިން ކޯހުގައި އޭޝިއާ ބައްރުން ޖުމްލަ 45 ބައިވެރިން، ބައިވެރިވިއެވެ.

މި ކޯހުގައި އިސްކޮށް ހަރަކާތްތެރިވަނީ ބައިނަލްއަޤްވާމީ ވޮލީ ކޯޗިން އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ތަޖުރިބާކާރު އިންސްޓްރަކްޓަރެއް ކަމުގައިވާ އިންޑިޔާގެ ޖީއީ ސްރީދަރަންއެވެ.

ސްރީދަރަންއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ތަޖުރިބާކާރު ވޮލީ ކޯޗުން ކަމަށްވާ މުޙަންމަދު ނަދީމް، ފަތުހުﷲ ވަޙީދު، އިސްމާއީލް ރިފާއު އަދި ނަސްރުالله ތޯހާއެވެ.

މި ކޯހުގެ މައިގަނޑު އަމާޒަކީ ރާއްޖެއާއި މެދުތެރޭ އޭޝިއާ ސަރަހައްދުގެ ކޯޗުންގެ ކެޕޭސިޓީ އިތުރުކޮށް ވޮލީގެ ބިންގާ ހަރުދަނާކުރުން ކަމަށް އޭވީސީން މައުލޫމާތުދެއެވެ. އަދި ރާއްޖެއާއި މެދުއޭޝިއާ ސަރަޙައްދުގެ ކޯޗިންގެ ހުނަރު އިތުރުކޮށް ވޮލީގެ މައިގަނޑު އަސާސްތައް ހަރުދަނާކުރުން ވެސް ހިމެނެއެވެ.

ބައިވެރިން ޒަމާނީ ކޯޗިން ޓެކްނިކްސް އާއި އެތުލީޓު ޑިވެލޮޕްމަންޓް އަދި އެސެންޝަލް ގޭމް ޕްރިންސިޕަލްސް މި ކޯހުގައި ކިޔައިދެވޭނެއެވެ.

މި ކޯހަކީ ހުރިހާ ލެވެލެއްގައި ވެސް ކުޅިވަރު ކުރިއެރުވުމަށާއި ރާއްޖޭގައި ގާބިލް ވޮލީ ކޯޗުންގެ އާ ޖީލެއް އުފެއްދުމަށް ވީއޭއެމްއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި އޭވީސީން ދެކެއެވެ.

comment ކޮމެންޓް