ލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައަށް މިއަދު ހަވީރު ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު 08:25 ހާއިރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި މިއަދު 04:30ގައި އޮތް ރަސްމިއްޔާތަށް ޑިސަނަޔަކަ ވަޑައިގަތުން ވެސް މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވައިފައެވެ. އަދި، ކެބިނެޓުގެ ވަޒީރުންނާ ލަންކާގެ ރައީސް ސަލާން ކުރެއްވިއެވެ.

އޭގެފަހުން، ހަތްކޮޅުގައި ހިންގަވާފައި ރައީސް އޮފީހަށް ވަޑައިގެން ލަންކާގެ ރައީސް ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދެ ގައުމުން އެއްބަސްވުން ތަކެއްގައޮ ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭނެއެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

comment ކޮމެންޓް