ކިރު ނުލިބުމުގެ ސަބަބުން ޣައްޒާގެ 40 ހާހަށްވުރެ ގިނަ ޅަކުދިން މަރުގެ ތުންފަތްމަތީގައި

އިސްރާއީލުން ކާބޯތަކެތި ނުދީ މަރަމުން ގެންދާ ޣައްޒާގެ ޅަކުދިން

ޣައްޒާ (28 ޖުލައި 2025) : ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ހައިހޫނުކަމުގައި މެރުމަށް އިސްރާއީލު ގެންގުޅޭ ލާއިންސާނީ ސިޔާސަތުގެ ސަބަބުން ޣައްޒާގެ 40 ހާހަށްވުރެ ގިނަ ޅަކުދިން މަރުގެ ތުންފަތްމަތީގައިވާކަމަށް ޣައްޒާގެ ސަރުކާރުން ބުނެފިއެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާގޮތުން އުމުރުން އަހަރުނުވާ 40 ހާސް ޅަކުދިންވަނީ ކިރު ނުލިބުމާއި ކުޑަކުދިންގެ ކާނާ ނުލިބުމުގެ ސަބަބުން ކާޑުބަލި ޖެހިފައެވެ. އޭގެތެރެއިން ގިނަ ކުދިން ދަނީ މަޑުމަޑުން މަރުވަމުންކަމަށާ އެކުދިންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީންކަން ނެތްކަމަށް މިބަޔާން ބުނެއެވެ.

ޣައްޒާގެ ހާލަތު ގާތުން ބަލަމުންދާ އިންސާނީ އެހީދޭ ޖަމްއިއްޔާ ޖަމާއަތްތައް ވެސް ބުނާގޮތުން ޣައްޒާގެ 40 ހާހަށްވުރެ ގިނަ ޅަކުދިންވަނީ މަރުގެ ތުންފަތްމަތީގައެވެ.

އެއީ އިސްރާއީލުން ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުންނެވެ. ކާބޯތަކެތި ނުލިބުމުގެ ސަބަބުން މައިންގެ ހަށިތައް ބަލިކަށިވެ ކަމީނާވެ ގާތުން ކިރުދިނުމުގެ ގާބިލްކަން މައިންގެ ހަށިތަކުގައި ނެތުމަކީ އެންމެ ބޮޑު ސަބަބުކަމަށް އެފަރާތްތަކުން ބުނެއެވެ.

އަނެއް ސަބަބަކީ ޅަކުދިންނަށް ބޭނުންވާ ކިރާއި ކާނާގެ ބާވަތްތައް ވެއްދުން އިސްރާއީލުން މަނާކޮށްފައިވާތާ އެތަށް މަހެއް ވެފައިވުމެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސްވަނީ އަސްކަރީ ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި ނުހެދުމަށް އިސްރާއީލަށް އެތަށް ފަހަރަކު ގޮވާލައްވާފައެވެ.

އިސްރާއީލުން ޣައްޒާއަށް ވެރިވެގަތުމަށްޓަކައި ގެންދަނީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި އިސްރާއީލު ސިފައިން ކޮންމެ ދުވަހަކު ގަތުލުއާންމުތައް ހިންގައިގެން ޣައްޒާގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު ޝަހީދުކުރަމުން ގެންދެއެވެ.

އިސްރާއީލުން ކާބޯތަކެތި ނުދީ މަރަމުން ގެންދާ ޣައްޒާގެ ކުޑަކުދިން

މިގޮތަށް ގަތުލުއާންމު ހިންގައިގެން ވެސް ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގައި އިސްރާއީލު ނާކާމިޔާބުވުމުން ދެން އިސްރާއީލު މަސައްކަތްފެށީ ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށްގެން އާންމުން ބަނޑަށް ޖައްސާށެވެ. ބަނޑަށް ޖައްސައިގެން ހައިހޫނުކަމުގެ ވޭނުގައި ޣައްޒާގެ ރައްޔިތުން މެރުމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް ވައްދައެވެ. ނަމަވެސް މިއީ ވެސް ޣައްޒާގެ ރައްޔިތުން މެރުމަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް އިތުރަށް ފުޅާކުުރުމަށް އިސްރާއީލު ޖެހި މަޅިއެއްކަންވަނީ ހާމަވެފައެވެ.

ކާބޯތަކެތި ބަހާ ތަންތަނަށް ޣައްޒާގެ އާންމުން ދިޔުމުން އެމީހުން ގެ ގަޔަށް ބަޑިޖަހައި މެރުމަކީ މިހާރަކަށް އައިސް އެންމެ އަނިޔާވެރިކޮށް އިސްރާއީލު ހިންގާ ގަތުލުއާންމެވެ. ޣައްޒާގެ ނަސްލު ނައްތާލުމަށްޓަކައި މިފަހަކަށް އައިސް އިސްރާއީލުން ވަރަށް ފުޅާދާއިރާއެއްގައި ދަނީ މިޖަރީމާތައް ހިންގަމުންނެވެ.

މިގޮތަށް ކާބޯތަކެތި ބަހާ ތަންތަނަށް ގޮސްތިބޭ މީހުންގެ ގަޔަށް ބަޑިޖަހައިގެން ޣައްޒާގެ ރައްޔިތުން މެރުމުގައި އެމެރިކާ ގެ ކޮންޓެކްޓަރުންވެސް ސީދާ ގޮތެއްގައި ބައިވެރިވާކަން ދާދިފަހުންވަނީ ފަޅާއަރާފައެވެ.

ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގެ ކަންކަން ކުރިން ބަލަހައްޓަމުން ގެންދިޔައީ އދ. އިންނެނެވެ. ނަމަވެސް މީގެ ހައެއްކަ މަސްކުރިން އިސްރާއީލާއި އެމެރިކާ ގުޅިގެން ޣައްޒާއިން ވަނީ އދ. ގެ މުއައްސަސާތައް ބޭރުކޮށްލާފައެވެ.

އަދި ޣައްޒާއަށް ކާބޯތަކެތި ވެއްދުމާއި ކާބޯތަކެތި ބެހުމުގެ ނަމުގައި ހިންގާ ކަންކަން ވެސް ވަނީ ސީދާ އިސްރާއީލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަން މިގޮތަށް ކުރަނީ ކާބޯތަކެތި ބަހާ މަރުކަޒުތަކަށް ދާ ޣައްޒާގެ އާންމުންގެ ގަޔަށް ބަޑިޖަހައި އެމީހުން މެރުމުގެ ބޭނުމުގައި ކަމަށްވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.

ކާބޯތަކެތި ބަހާ މަރުކަޒުތަކަށް ދާ މީހުންގެ ގަޔަށް ބަޑިޖަހައިގެން މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާގެ 2000އަށް ވުރެގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު ހައިހޫނުކަމުގައި މިހާތަނަށް 500އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު