މޫސަ މަރާލަން ބޭނުންކުރި ވަޅި މޫދަށް ފީނައިގެން ހޯދައިފި

ލ. މާވަށުގައި މަރުވި މޫސާ އިބްރާހިމް: ހަމަލާ ދިނީ އޭނާގެ ކަރަށް --

ލ. މާވަށުގައި، އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމަށް ވަޅިން ހަމަލާދީ މިއަދު މަރާލާފައި ވާއިރު، އޭނާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ވަޅި ފުލުހުން މޫދުގައި ފީނައިގެން ހޯދައިފިއެވެ.

މޫސަ މަރުވީ މާރާމާރީއެއްގެ ތެރެއިންނެވެ. މި މާރާމާރީ ހިނގީ މިއަދު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގައެވެ. މޫސާ އިބްރާހީމަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ 10:22 ހާއިރު ކަމަށް ރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

މޫސަ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއްކަމަށް ފުލުހުން ބުންޏެވެ.

ހާދިސާގެ މަންޒަރު ދުށް މީހަކު 'ސަން'އަށް ބުނީ، މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ ނޭނގި ހުއްޓައި ފަހަތުން ގޮސް ކަރަށް ކަމަށެވެ.

މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ އެ ރަށަށް އައިސް އުޅޭ އެހެން ރަށެއްގެ ދިވެއްސެއް ކަމަށް ބުންޏެވެ. އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. ފުލުހުން ވެސް ބުނީ، މާރާމާރީ ހިނގީ ދެ މީހުންގެ މެދުގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މި މާރާމާރި ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާއާއި މަރުވި މީހާއަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

މި ހާދިސާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް