ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓާލަން ތައިލެންޑާއި ކެމްބޯޑިއާ އިން އެއްބަސްވެއްޖެއެވެ.
ދެ ގައުމުން އެގޮތަށް އެއްބަސްވެފައިވާކަން އިއުލާނުކުރެއްވީ ހަނގުރާމަ ހުއްޓުވުމުގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މެލޭޝިޔާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމްއެވެ.
އަންވަރު ވިދާޅުވީ ކެމްބޯޑިއާ އާއި ތައިލެންޑުން ވެސް އެއްބަސްވެފައި ވަނީ މިރޭ ދަންވަރުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް ކަމަށެވެ. އޭގެފަހުން މާދަމާ ދެ ގައުމުގެ އަސްކަރީ ކޮމާންޑަރުންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ މިއަދު މެލޭޝިޔާގައި ބޭއްވި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށްފަހުއެވެ. އެ މަޝްވަރާތަކުގައި ތައިލެންޑްގެ އެކްޓިން ބޮޑުވަޒީރު ފުމްތަމް ވެޗަޗައި އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުގައި އެމެރިކާއާއި ޗައިނާގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
"މަޝްވަރާތަކުން އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ހެޔޮ ކުރިއެރުމަކާއި ނަތީޖާއެއް،" އަންވަރު ވިދާޅުވިއެވެ.
އިމުގެ މައްސަލައިގައި ކެމްބޯޑިއާއި ތައިލެންޑުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 35 މީހުން މަރުވެ، 270،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ބުރާސްފަތި ދުވަހު ފެށި ހަމަލާތައް ދީފައި ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިރުމަތިން ގާތްގަނޑަކަށް 360 ކިލޯމީޓަރު ދުރުގައި އޮންނަ ކެމްބޯޑިޔާއާއި ތައިލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި ހުންނަ ޓާ މޯއަން ތޮމް ފައްޅި ހިމެނޭ ސަރަހައްދަށެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.