ރަސްމީ އިއްޒަތުގައި ސޯބިރު ފަސްދާނުލައްވައިފި

މިމއަދު އަވަހާރަވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ޙަސަން ސޯބިރުގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް

މިއަދު އަވަހާރަވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ޙަސަން ސޯބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައްވައިފިއެވެ.

މިއަދުގެ އަސުރު ނަމާދަށް ފަހު ސޯބިރުގެ ކަށުނަމާދު ބާއްވާފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު، ރަސްމީ އިއްޒަތުގައި ސޯބިރު ފަސްދާނުލެއްދީ ގަލޮޅު ސަހަރާގައެވެ.

އުމުރުން 74 އަހަރުގައި ސޯބިރު މިއަދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްވީ ފަހުން، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށެވެ.

ސަރުކާރަށް 25 އަހަރު ޚިދުމަތް ކުރެއްވި ސޯބިރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998އިން 2004އަށެވެ. އޭގެ ކުރިން 1991ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވިއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، 1999އިން 2004އަށް އޭނާ ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރެއްވިއެވެ. އެއަށްފަހު ޚާރިޖީ ދާއިރާގައި އެކި ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރެއްވިއެވެ.

ސޯބިރު، އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ހައިކޮމިޝަނަރުކަން ކުރެއްވިއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި އދ.ގައި ވެސް ރާއްޖެ ތަމްސީލުކުރެއްވިއެވެ. އޭނާ 2007އިން ފެށިގެން ސިންގަޕޫގެ ސަފީރުކަން ކުރެއްވިއިރު، އީޔޫއާއި ބެލްޖިއަމްގެ ސަފީކުރަން ކުރެއްވިއެވެ. ސޯބިރު އެންމެ ފަހުން ހުންނެވީ، ރައީސް ޞާލިޙްގެ ވެރިކަމުގައި ޖަޕާނުގެ ސަފީރަކަށެވެ.

ސޯބިރު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބަވައެވެ.

އޭގެއިތުރުން، ސޯބިރު އަހަވާރަވުމާ ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރި ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް