ޖޭމްސް ކެމެރަންގެ އެންމެ މަގުބޫލު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ބައިގެ ފުރަތަމަ ޓްރެއިލަރު އާންމުކޮށްފިއެވެ.
ދާދިފަހުން އާންމުކޮށްފައިވާ ޓްރެއިލަރުން އެވެޓާގެ ތިންވަނަ ބައި "ފަޔާ އެންޑް އޭޝް"ގެ ތީމަށް އަލި އަޅުވާލާފައިވެއެވެ. އެގޮތުން އެންމެ ފަހުން ނެރުނު ފިލްމާ ހިލާފަށް މި ފިލްމުން ދައްކައިދޭނީ ވައިގައި އުޅޭ އާބާދީއެކެވެ. ދެވަނަ ފިލްމުގައި އަލި އަޅުވާލީ ފެނުގައި އުޅޭ އާބާދީއަކަށެވެ.
ޓްރެއިލަރުން މިފަހަރުވެސް އާޝޯހުވާހާ ރީތި އެތައް މަންޒަރުތަކެއް ފެނިގެން ގޮސްފައިވެއެވެ. ކެމެރަންގެ ޑައިރެކްޝަންގެ ދަށުން މޮޅު ކޮލިޓީ ސީޖީއައިއިން މި ކިޔައިދެނީ ރީތި މަންޒަރުތަކާއެކު އާ ވާހަކައެކެވެ.
އެވެޓާގެ ތިންވަނަ ބައި "ފަޔާ އެންޑް އޭޝް" މިއަހަރުގެ ޑިސެލްބަރު 25 ގައި ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެހާސް ނުވައެއްގައި ރިލީޒްކުރި "އެވެޓާ"ގެ ތިންވަނަބައި ގެނެސްދޭން ދޭން ތައްޔާރުވަމުންދާއިރު، ދެވަނަ ފިލްމެއް ނެރެފައިވަނީ ފުރަތަމަ ފިލްމު ނެރުނުތާ 13 އަހަރު ފަހުން 2022 ވަނަ އަހަރެވެ.
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މި ފްރެންޗައިޒްގެ ކޮންމެ ފިލްމަކީ ވެސް ހޮލީވުޑްގެ ގިނަ ފިލްމުތަކަށް ވުރެ ދިގު ފިލްމުތަކެވެ. އެގޮތުން ފުރަތަމަ އެވެޓާ ފިލްމަކީ ދެ ގަޑިއިރާއި 44 މިނެޓުގެ ފިލްމެކެވެ. އަދި އެންމެ ފަހުން ނެރުނު ފިލްމަކީ ތިންގަޑިއިރާއި 14 މިނެޓުގެ ފިލްމެކެވެ. މިއަހަރު ނެރުމަށް ތައްޔާރުވާ ފިލްމަކީ ފްރެންޗައިޒްގެ އެންމެ ދިގުވާނެ ފިލްމެވެ. އެގޮތުން މި ފިލްމުގެ ދިގުމިން ގާތްގަނޑަކަށް ހަތަރު ގަޑިއިރާ ގާތްކުރާނެއެވެ.
އެވެޓާ ފްރެންޗައިޒްގައި ޖުމްލަ ފަސް ފިލްމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޑިލޭތަކަކަށް ފަހު ފިލްމުތައް ރިލީޒްކުރުމަށް މިހާރު ތާވަލުކޮށްފައިވަނީ ހަތަރުވަނަ ފިލްމު 2029 ގައެވެ. އަދި، ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ނެރޭނީ 2031 ގައެވެ.