ސްރީލަންކާގައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަގްރޭޓް ރިސޯޓު 'ސިޓީ އޮފް ޑްރީމްސް' ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން އުޒުރުވެރިވުމާ ގުޅިގެން އެ ހަފުލާއަށް އެކްޓަރު ރިތިކް ރޯޝަން ދާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން މި ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ޝާހު ބައިވެރިވާން ނިންމިއިރު އެ ހަފުލާގައި ޝާހުގެ ހުށަހެޅުމެއް ވެސް ގެނެސްދޭން ވަނީ ތާވަލުކޮށްފައެވެ.
ނަމަވެސް، އަމިއްލަ ސަބަބުތަކަކާ ހެދި މި ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވެން ނެތް ކަމަށް ޝާހުގެ ޓީމުން 'ސިޓީ އޮފް ޑްރީމްސް'އަށް ވަނީ އަންގާފައެވެ.
ސްރީލަންކާގައި ދިރިއުޅޭ ޝާހަށް ތާއީދުކުރާ އެތައް ބަޔަކަށް މި ޚަބަރާ އެކު މާޔޫސްކަން ލިބުނު ނަމަވެސް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން މި ހަފުލާގައި ބައިވެރިވާނެކަމަށް ރިޕޯޓުތަކުން ބުނަން ފެށުމާ އެކު އެކްޓަރަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ.
ރިތިކް މި ހަފުލާގައި ބައިވެރިވާނެކަން 'ސިޓީ އޮފް ޑްރީމްސް'ގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް ކަށަވަރުކޮށްދީފައިވާއިރު އެކްޓަރު ހިމެނޭހެން ޚާއްސަ ވީޑިއޯއެއް ވެސް ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ރިތިކް އަންނަ މަހު ލަންކާއަށް ދާން ނިންމިއިރު ގިނަ ބަޔަކު އިންތިޒާރުކުރާ އެކްޓަރުގެ ތުރިލާ ފިލްމު "ވޯ 2" އޮގަސްޓް މަހުގެ 14ގައި ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ. ރިތިކްގެ އިތުރުން ސްރީލަންކާގައި ހުޅުވާ "ސިޓީ އޮފް ޑްރީމްސް" ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ނުފޫޒުގަދަ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮލޮމްބޯގައި ތަރައްގީކޮށްފައިވާ "ސިޓީ އޮފް ޑްރީމްސް"އަކީ ޖޯން ކީލްސް ހޯންޑިންއާއި މެލްކޯ ރިސޯޓްސް އެންޑް އެންޓަޓައިންމަންޓްގެ ޖޮއިންވެންޗާއެއްގެ ދަށުން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. މިއީ 1.2 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.