ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމަން 12 ދުވަސް

އެމެރިކާގެ ރައީސް ޑޮނަ؛ލްޑް ޓްރަމްޕް. ފޮޓޯ/އޭޕީ

ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް 10 ނުވަތަ 12 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަނގުރާމަ ނުހުއްޓައިފިނަމަ، ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޔޫކްރެއިނަށް ރަޝިޔާއިން ދޭ ހަމަލާތައް ހުއްޓާލުމަށް 50 ދުވަހުގެ މުއްދަތެއް ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވާފައެވެ.

ނަމަވެސް، އެ މުއްދަތު މިހާރު ކުރުކޮށްފައިވާ ކަމަށާއި އެއީ ޕުޓިންއާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުން ފެށިގެން ގާތްގަނޑަކަށް 10 ނުވަތަ 12 ދުވަހުގެ އާ ސުންގަޑިއެއް ކަނޑައަޅަން،" އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމާ އާ ބައްދަލުކުރައްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"މަޑުކުރަންވީ ސަބަބެއް ނެތް. އަހަރެމެންނަށް ހަމަ ނުފެނޭ އެއްވެސް ކުރިއެރުމެއް ލިބެމުންދާތަނެއް،"

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ޔޫކްރޭންގެ ހަނގުރާމަ ނިންމާލުމަށް ރަޝިޔާއަށް އަމާޒުކޮށް، ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޓްރަމްޕަށް ތައުރީފު ކުރައްވާފައެވެ.

ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ރަޝިޔާއިން އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

ނަމަވެސް، ޕޫޓިންގެ ގާތް އެކުވެރިއެއް ކަމަށްވާ ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕް ރަޝިޔާއެކު ކުޅެނީ ގޭމެއް ކަމަށާއި އެފަދަ ގޮތަކަށް ކަންތައް ކުރުމުން އެމެރިކާ ބައިވެރިވާ ހަނގުރާމައެއް އުފެދިދާނެ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭ ކަމަށް ބުނެ، ޓްރަމްޕް ވަނީ ތަކުރާރުކޮށް އެކަމަށް ނުރުހުން ފާޅުކުރައްވާފައެވެ. އަދި، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އެއްބަސްނުވެއްޖެ ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވިއެވެ.

ޖެނުއަރީ މަހު ވައިޓް ހައުސްގައި ދެވަނަ ދައުރަކަށް އެނބުރި ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވަނީ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ ހަނގުރާމަ 24 ގަޑިއިރު ތެރޭގައި ހުއްޓުވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް