ﷲ ވަޙީކުރެއްވިއެވެ. ﴿قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَا أَذًى وَاللَّهُ غَنِيٌّ حَلِيمٌ﴾ (البقرة: ٢٦٣) މާނައީ: "އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮ ބަހެއް ބުނުން، އަދި ޢަފޫކުރުން، ހެޔޮ ކަން މާ ބޮޑެވެ. ﷲ އީ، ފުދިވޮޑިގެންވާ، ޙަލީމްވަންތަ ރަސްކަލާނގެއެވެ."
މިއީ އަޅުގަނޑުމެންގެ ތެރޭ ނުވާކަމެއް ކަމުގައި ބުނެވޭކަން ނެތެވެ. އެންމެ ފުރަތަމަ ކަމަކީ ތިމާގެ އަތުގައި އޮންނަ އެއްޗެއް އެހެން މީހަކަށް ދޭން ނޭދެވޭ ކަމެވެ. ދެވަނައީ މީހަކަށް އެއްޗެއް ދޭން ބޭނުންވިޔަސް ނުރުހުންތެރިކަމާ އެކު ނޫނީ އެކަން ނުކުރެވޭ ކަމެވެ. މި ދަންނަވަނީ އެންމެންގެ ވާހަކައެއް ނޫނެވެ. މިއީ ގިނަވަމުން އަންނަ ކަމަކަށް ވާތީ އެ ވާހަކަ ބުނެލަނީއެވެ.
މީހުންނަށް އެއްޗެތި ދޭދިނުމަކީ ޞަދަޤާތްކުރުމެވެ. ޞަދަޤާތަކީ އޭގެން ސަވާބުއަދައިގެން ކުރާ ކަމަކަށް ވީ ހިނދު، އެ ކަމުގައި އިޚުލާޞްތެރިވުން އެއީ ވަރަށް މުޙިންމު ކަމެކެވެ. އެއީ ﷲއަށް ހިތް ޚާލިޞްކޮށްގެން އެ ކަން ކުރުމެވެ. ތިމާއާ ﷲއާ ދެމެދު އޮންނަ ސިއްރެއް ފަދައިން އެކަން ބޭއްވުމެވެ. ތިމާ ދޭ އެއްޗެއްގެ ވާހަކައިން އެހެން މީހުންނަށް ޚަބަރު ކުރުމުގެ އޮތީ ފަހެ، ކޮން ބޭނުމެއް ހެއްޔެވެ؟
ބައެއް ފަހަރު ތިމާ ކުރާ ހޭދައިގެ ވާހަކަ ދެއްކެނީ އަމިއްލަ ނަފުސަށް އެއިން ހިތްހަމަ ޖެހުން ހޯދުމަށެވެ. އެހެން މީހުން ތިމާއަކީ ރަނގަޅު ދީލަތި މީހެއް ކަމުގައި ބަލައިގަނެ އެ ވާހަކަ ބުނެވޭ ބުނެވުމެއްގެ ގޮތުގައެވެ. އެހެނަސް ދަންނަންވީ ޙަޤީޤަތަކީ މީހުން ބަލައިގަނެ އެކަންކަމަށް ދުނިޔެމަތީގައި ބަދަލުދޭ ގިނަ ކަންކަމަކީ އޭގެ ބަދަލު އާޚިރަތުގައި އުނިވާ ކަންކަމެވެ. ނޫނީ އެ ކަމެއްގެ އަޖުރު މުޅިން ނެތި ދިއުން ވެސް އެއީ ބައެއް ފަހަރު ވާކަމެކެވެ. ހެޔޮ ޢަމަލުތަކައިގެން ޤިޔާމަތް ދުވަހު ﷲއާ ބައްދަލު ކުރާ އެތައް ބައެއްގެ އެ ޢަމަލުތަކަކީ ވިއްސިވިހާލިވެ ވަޔާ ބުރައިގެން ގޮސްފާނެ ތަކެތިކަމުގައި ކީރިތި ޤުރުއާނުގެ ބައެއް ނައްޞުތަކުން ފެންނާން އެބަ އޮތެވެ.
މީހުންނަށް އެއްޗެތި ދިނުމުގައި ތިބާގެ އަތުގައި އޮންނަ، ބާވެ ހަލާކުވެގެން ބޭނުން ނުހިފޭ އެތި ދިނުމަކީ ބަޚީލުކަމެކެވެ. ދަހިކަމެކެވެ. އެއްޗެއް ދެންޏާ އަނެކާއަށް ދޭން ވާނީ އެ އެއްޗަކަށް ތިމާ އެންމެ ލޯބިކުރާ ތަކެއްޗެވެ. އެ މަގުން އެ ކަން ކުރުމަކީ ސަވާބު އެންމެ ބޮޑު ގޮތެވެ. ބާވެ އެއްލައިލަން ވެފައި އޮންނަ އެތި ދިނުމަކީ ސަވާބު އެންމެ މަދު ގޮތެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށް ދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ." (އާލު އިމްރާން: 92)
މީހަކު ތިބާކުރެން ކަމަކު އެދިއްޖެއްޔާ އެ ކަމެއް ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް އެ ކަމެއް ކޮށްދެވޭތޯ ބަލަންވާނެއެވެ. އެ ކަމަކީ ތިބާއަށް ކޮށްދެވޭވަރު ކަމެއް ނޫންނަމަ، އެ ވާހަކަ ރީތި ގޮތުގައި އެމީހެއްގެ ގާތު ބުނާށެވެ. ތިބާއަށް ވެސް އެވަރުގެ ތަނަވަސް ކަމެއް ދެއްވައިފިއްޔާ ކޮށްދޭނެކަމަށް ވެސް ބުނާށެވެ. އެއާ ވިދިގެން ﷲގެ ޙަޟްރަތުން މަދަދު އެދި ދުޢާ ވެސް ކުރާށެވެ. ﷲއީ ދީލަތިވެވޮޑިގެންވާ އިލާހެވެ.
ހެޔޮ ބަހެއް ހެޔޮގޮތުގައި ބުނުމުގެ މުހިންމުކަމާއި ކަލަގޮވުމުގެ ނުބައިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅު އިސްވެ ގޮސްފިއެވެ. އެ އާޔަތަށްފަހު ﷲ އެންގެވީ، ކަލަގޮވުމާއި އަނިޔާދިނުމުގެ ސަބަބުން ތިޔަބައި މީހުން ދޭ ޞަދަޤާތްތައް ބާޠިލު ނުކުރުމަށެވެ. އެ ފަދައިން އެންގެވި ބަސްފުޅުގެ މާނައިގައި ވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލުނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލު ފަދައިންނެވެ. ﷲއަށާއި އާޚިރަތްދުވަހަށް އޭނާ އީމާނެއް ނުވެތެވެ. ފަހެ، އޭނާގެ މިސާލީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ މިސާލެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ ޢަމަލަށް އާޚީރަތްދުވަހުން އެއުރެންނަކަށް އެއްވެސް ސަވާބެއް ނުލިބޭ ހުށްޓެވެ.) ކާފިރުވެގެންވާ ޤައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ."
ލޮބުވެތި ކިޔުންތެރިންނޭވެ! އެއްޗެއް ދެންޏާ އެއްޗެއް ނުބުނެ އެއްޗެއް ދޭށެވެ. ދީފައި ދެން އޭގެ ފަހުން ވެސް އެއްޗެއް ނުބުނާށެވެ. ދެވުނުދެވުމުގެ މައްޗަށް އުފާކުރާށެވެ. ހިތްރުހޭށެވެ. ހިނގައި ނިމިދިޔަ ކަމަކީ ތިމާގެ ބާރު އޭގެ މައްޗަށް ދެން ފޯރުވޭނޭ ކަމެއް ނޫނެވެ. އެ ކަމެއް އެ ހިނގީ ތަޤުދީރުން ބޭރަކުން ވެސް ނުމެނޫން މެއެވެ. އޭގެ ޚައިރުލް ބަދަލު އާޚިރަތުން އެދިގެން އުފަލުން ހުންނާށެވެ!