ފަލަސްތީނު ދައުލަތް ގާއިމުކުރުމާ ބެހޭ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެ

ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމްކުރުމާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވަނީ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވާނެކަން ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނީ، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ ގެ މަރުކަޒުގައި އިއްޔެއާއި މިއަދު ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސް ދައުރެއް އަދާކުރައްވާނީ އދ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު ޑރ. އަލީ ނަސީރު އަހުމަދު ކަމަށެވެ.

މި ބައްދަލުވުމުގައި ޒަމާންތަކެއް ވަންދެން ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް ރާއްޖޭގެ ފަރާތުން ބަޔާނެއް އިއްވާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލުއިންސާފު ގާއިމުކުރުމުގެ މަގްސަދުގައި ގިނަ ގައުމުތަކަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖޭން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އެ ގޮތުން، އދ ގެ ކަމާބެހޭ ގަރާރުތަކުގައިވާ ގޮތަށް 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން އަބަދު ވެސް ބާރުއަޅަމުންދާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ފްރާންސާއި ސައޫދީ އަރަބިއްޔާއިންނެވެ. މި ބައްދަލުވުމުގެ ކުރިން، މި ބައްދަލުވުމުގެ ތެރެއިން ނުކުންނާނެ ނަތީޖާއާ މެދު މަޝްވަރާކުރުމަށް ވަޒީރުންގެ ފެންވަރުގެ މަތީ ފަންތީގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

comment ކޮމެންޓް