ގައުމީ ސާފިން ޓީމު އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް އިންޑިއާއަށް ފުރަފިއެވެ.
މިއަދު ފުރި ޓީމުގައި ޖުމްލަ ނުވަ އެތުލީޓުން ހިމެނެއެވެ. މީގެ ތެރޭގައި، ތިން ފިރިހެން އެތުލީޓުންނާއި ތިން އަންހެން އެތުލީޓުން އަދި ތިން ޖޫނިއާ އެތުލީޓުން ހިމެނެއެވެ. މި އަހަރަކީ އަންހެން ޓީމު މި މުބާރާތުގައި ބައިވެރިވެވުމަށް ބޭރަށްދާ ފުރަތަމަ އަހަރެވެ.
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ ޗައިނާގައެވެ. އޭގެ ފަހުން ދެވަނަ އަދި ތިންވަނަ އަހަރު މި މުބާރާތް ބޭއްވީ ރާއްޖޭގައެވެ. މި އަހަރުގެ މުބާރާތް އޮގަސްޓް 3 އިން 12 އަށް ކުރިއަށްދާނީ އިންޑިއާގައެވެ.
ބީއެމްއެލް އިސްލާމިކްއަކީ ގައުމީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސަރެވެ. ކުރިން 2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްއިން އަންނަނީ ސާފިން އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ. މި ސްޕޮންސާޝިޕްގެ ދަށުން ގައުމީ ސާފިން ޓީމަށް ބޭންކުން މުހިންމު އެހީތެރިކަމެއް ލިބެއެވެ. އަދި، މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭއިން ބާއްވާ ނެޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެއެވެ.
އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ، ގައުމީ ސާފިން ޓީމުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމުސީލުކުކުރުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށާއި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެހީތެރިކަން، ތައްޔާރީތަކާއި އެތުލީޓުންނަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
"ދިވެހިރާއްޖޭގައި ސާފިން ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކްއިން އަޅުގަނޑުމެނަށް ދެމުންގެންދާ އެހީތެރިކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ގައުމީ ބޭންކު ފާހަގަވަނީ އަބަދުވެސް ކުޅިވަރުތަކަށް މާލީގޮތުން އެކީތެރިކަން ދޭ ބައެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސާފިން އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މި މުބާރާތުގައި އަންހެން ޓީމެއް ބައިވެރިވުމާ އެކު، ދިވެހި ސާފިންގެ މުސްތަގުބަލަށްއާ އުންމީދުތަކެއް ގެނެސްދޭނެއެވެ. މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަށްވުރެ ބޮޑަށް ދިވެހި އަންހެނުންނަށް ބައިނަލްއަޤުވާމީ މައިދާނުގައި ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރުވާ ބޮޅެކެވެ. އަދި، ޖޫނިއާ ޓީމެއް މި މުބާރާތުގައި ބައިވެރިވުމުން، ސާފިން ކުޅިވަރުގެ މުސްތަގުބަލު އުޖާލާކަން ހާމަވެއެވެ.