އެމްޕީއެލްއިން މުދާ ކްލިއާ ކުރުން ލަސްވެ، މާލޭގެ ބާޒާރުން މިއަދު ފިޔާ ހުސްވެއްޖެއެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި، ފިޔާ ގެންނަ ބޯޓު މާލޭ ބަނދަރުގައި އޮތް ނަމަވެސް، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މުދާ ކްލިއާކުރުން ވަނީ މެދުކެނޑިފައެވެ.
އެހެންކަމުން މާލޭގެ ބޮޑެތި ބާޒާރުތަކުން މިވަގުތު ވަނީ ފިޔާ ހުސްވެފައެވެ. ފިޔާ ގަންނަން ލިބެނީ ކުދި ފިހާރަތަކުންނެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި ބޯޓުން ފިޔާ ކްލިއާކުރަން ފެށޭނީ މިރޭގެ ވަގުތެއްގައެވެ. އެހެންކަމުން މިރޭ ބާޒާރަށް ފިޔާ ނެރުމާއެކު ފިޔާގެ ދަތިކަން ހައްލުވާނެއެވެެ.
ފާހަގަކުރެވޭ ގޮތުގައި، ފިޔާ ބަސްތާއެއް މިހާރު ބާޒާރުގައި ލިބެން ހުރީ 360 ރުފިޔާއަށެވެ. އަދި، ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ގައުމަކީ އިންޑިއާއެވެ. އެގައުމުން ރާއްޖެއަށް ފިޔާ އެކްސްޕޯޓު ކުރަނީ ޚާއްސަ ރޭޓެއްގައެވެ.
ބާޒާރުން ފިޔާ ހުސްވެފައި ވާއިރު، މޭވާގެ ބާވަތްތައް ވެސް އަގުބޮޑުވުމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. އެގޮތުން، މީގެ ހަފުތާއެއް ކުރިން އާފަލުގެ އަގު ވަނީ ނުވަ ރުފިޔާއަށް އަރައިފައެވެ.