ކުރީގެ އިންޒާރު ފެއިލްވުމުން ޓްރަމްޕްގެ އިތުރު އިންޒާރެއް ރަޝިއާއަށް

ކުރީގެ އިންޒާރު ފެއިލްވުމުން ޓްރަމްޕްގެ އިތުރު އިންޒާރެއް ރަޝިއާއަށް --

ވޮޝިންޓަން (29 ޖުލައި 2025): ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިތުރު މުހުލަތެއް ދެއްވައިފިއެވެ.

ޓްރަމްޕް، އޭނާގެ މީޑީއާ ޕްލެޓްފޯމް ކަމަށްވާ ޓުރުތް ސޯޝަލްގައި ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް 12 ދުވަހުގެ އިތުުރު މުއްދަތެއް ދީފައިވާނެކަމަށާ މި މުއްދަތުގެ ތެރޭގައި ރަޝިޔާއިން ހަނގުރާމަ ހުއްޓާނުލައިފިނަމަ އެގައުމާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެމެރިކާ އަޅާނެ ކަމުގައެވެ.

މި އިންޒާރަށް ބޯ ނުލަބައިފިނަމަ ރަޝިއާ އާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ އިތުރުން ރަޝިޔާއިން ތެލާއި ގޭސްފަދަ ތަކެތި ގަންނަ ގައުމުތަކާ ދެކޮޅަށް ވެސް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެކުރިން މިދިޔަ ޖޫންމަހު ވެސް ޓްރަމްޕް ރަޝިއާއަށް މިފަދަ އިންޒާރެއް ދެއްވިއެވެ. އެފަހަރުގެ އިންޒާރުގައި ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް، 30 ދުވަސް ރަޝިއާއަށް ދެއްވިއެވެ. އަދި އެ އިންޒާރަށް ތަބާ ނުވެއްޖެނަމަ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ އިތުރުން ރަޝިޔާގެ ތެލާއި ގޭސްފަދަ ތަކެތި ގަންނަ ގައުމުތަކާ ދެކޮޅަށް ވެސް ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

ނަމަވެސް ރަޝިއާ ވެސް އަދި ރަޝިއާގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ދެގައުމު ކަމަށްވާ ޗައިނާއާއި އިންޑިއާ ވެސް މި އިންޒަރުތަކުގެ ސަބަަބުން ކަހާތަން ހިރުވާ ވެސް ނުލިއެވެ.

ޓްރަމްޕަށް ބޯލަނބައި ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ރަޝިއާ ހެދިގޮތަކަކީ ޔުކްރެއިން އާ ދެކޮޅަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރީއެވެ. ނަތީޖާއަކީ ޓްރަމްޕްގެ އިންޒާރު ބޭކާރުވެގެން ދިޔުމެވެ.

މިފަހަރު ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން ރަޝިއާ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ޕްރެސް ސެކްރެޓަރީ ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އެމެރިކާ ހަނދާން ކުރަންޖެހޭ ކަމަކީ ރަޝިއާއަކީ ދުނިޔޭގެ އެއްވަނަ ނިއުކްލިޔާ ބާރުކަމެވެ. އަދި ރަޝިއާއަކީ އިސްރާއީލު ނޫނީ އީރާން ނޫންކަމެވެ.

އެމެރިކާއަކީ އުފައްދާ މިންވަރަށް ވުރެ ޚަރަދުބޮޑު ގައުމަކަށް ވުމުން އެމެރިކާވަނީ ވަރަށް ބޮޑަށް ދަރަނީގެ ޝިކާރައަކަށްވެފައެވެ. ދަރަނީގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ނުރައްކާވެފައިވާ ކަމަށާ ޑޮލަރަށް ދުނިޔޭގެ ބާޒާރުގައި ލިބިފައިވާ ބާރު ނެތްނަމަ މިޙާލަތުގައި އެމެރިކާ ބަނގރޫޓް ވީސްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޑޮލަރު ބޭނުންވަރަކަށް ޗާޕްކުުރުމުގެ ފުރުސަތު އެމެރިކާއަށް އޮތުމުން އެމެރިކާގެ އިގްތިސާދު ބަނގުރޫޓްވުމުން ސަލަމާތް ވިޔަސް މިހާލަތު ތާއަބަދަށް އެމެރިކާއަށް ނޯންނާނެކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ލިބޭ އާމްދަނީ އިތުރު ކުރުމަށްޓަކައި އެމެރިކާ ގެންދަނީ އެހެން ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ ތަކެތިން ޓެކްސްއާއި ޑިއުޓީ ނަގާމިންވަރު އިންތިހާއަށް ބޮޑުކުރަމުންނެވެ.

މިކަމުގެ ނަތީޖާއަކަށްވީ ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމުތަކަކާއި އެމެރިކާ ދެމެދު ވިޔަފާރީގެ ބޮޑެތި މައްސަލަތަކެއް އުފެދި އެހެން ގައުމުތަކުން ވެސް އެމެރިކާގެ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އެތަކެތި ނުވިކިދާނެކަމުގެ ބިރު އެމެރިކާ ދަނީ އިހުސާސް ކުރަމުންނެވެ.

އެމެރިކާގެ އިގްތިސާދު މިހާލަތުގައި އޮއްވައި ރަޝިއާގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ޗައިނާއާއި އިންޑިއާ އަދި ބްރަޒީލްފަދަ ބިޔަ އިގްތިސާދުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އަނެއްކޮޅުން އެމެރިކާގެ މަދަނީ އަދި އަސްކަރީ ކަންކަމަށް ބޭނުންވާ ފައްކާކުރި ޔޫރޭނިޔަމް ގެ ގާތްގަނޑަކަށް 80 އިންސައްތަ ފޯރުކޮށްދޭ ގައުމަކީ ރަޝިއާއެވެ. ރަޝިއާގެ ބަދަލުގައި އެމެރިކާ ބޭނުންވާ މިންވަރަށް އަމިއްލައަށް ފައްކާކުރި ޔޫރޭނިޔަމް އުފެއްދުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމްކުރުމަށް އެތަށް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓަކާއި ގިނަ އަހަރުތަކެއް ބޭނުންވާއިރު ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަކީ އެމެރިކާއަށް ކުރެވޭވަރަށް ވުރެ މާ ނާޒުކު ކަމެއްކަމަށް ވެސް ތަޖުރިބާކާރުން ދެކެއެވެ.

ހާލަތު މިގޮތަށް އޮތްނަމަވެސް ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ ވަނީ ޓްރަމްޕް ރަޝިއާއަށް ދެއްވި އިންޒާރަށް މަރުހަބާ ވިދާޅުވެ ޓްރަމްޕަށް ޝުކުރު އަދާ ކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު