ޣައްޒާއަށްޓަކައި މަޖިލިސްތަކުން އެކީ މަސައްކަތްކުރަން ޖެހޭ: އަބްދުއްރައްހީމް

6 ވަނަ "ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރސް އޮފް ޕާލިމަންޓު"ގައި ތަޤްރީރުކުރައްވަނީ

ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވަން ދުނިޔޭގެ ހުރިހާ ޤާނޫނު ހަދާ މަޖިލީސްތަކުން މަޑުން ނުތިބެ، އެކީ މަސައްކަތްކޮށް ހައްލު ހޯދަން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިހެންވިދާޅުވީ ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށްދާ ހަވަނަ "ވޯލްޑް ކޮންފަރެންސް އޮފް ސްޕީކާސް އޮފް ޕާލިމަންޓު"ގައި ކުރެއްވި ތަޤުރީރުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ މެދު ވަނީ އަލިއަޅުވާލައްވަވާފައެވެ. އެގޮތުން، މެދު އިރުމަތީގެ މަޝްރަޙުގައި ހިނގަމުންދާ ނާއިންސާފު އަނިޔާވެރި ޢަމަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ނާޒުކު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ދުނިޔޭގައި ސުލްހަވެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމެއް މުހިންމު ކަމަށެވެ. އަދި، އިންސާފުވެރިކަމާ އެކު އެންމެން އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދަނީ ލާއިންސާނީ އަނިޔާތަކެއް. އެ އަނިޔާތައް ހުއްޓުވުމަށް މަޑުންތިބުމަކީ ގޮތެއް ނޫން. ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުން އެއްބައިވެ، ގުޅިގެން އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގޮވާލަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލިސް ރައީސްގެ ތަޤުރީރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ނާޒުކު ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަވައި ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކާ އެކު ކުރިމަތިވާ ނާޒުކު ހާލަތު ކަމަށެވެ. އެހެންވެ، ރާއްޖެ ވަނީ ކްލައިމެޓް އިމާޖެންސީ ޤާނޫނާއި 2030ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްގެ ބޮޑު އަމާޒަކަށް ހިފާފައިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަން ހާސިލުކުރުމަކީ އެކަނި މަސައްކަތުން ވާނެ ކަމެއް ނޫން ކަމަށާއި ބައިނަލްއަޤުވާމީ ގޮތުން އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެ މަނިކުފާނި ވިދާޅުވިއެވެ.

comment ކޮމެންޓް