ރަޝިޔާގެ އެންމެ އިރުމަތީގައި އޮންނަ ކަމްޗަޓްސްކީ ޕެނިންސުލާއަށް މިއަދު 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، ހަތަރު މީޓަރު (13 ފޫޓު)ގެ އުސްމިނުގައި ސުނާމީއެއް އަރައިފިއެވެ.
ބިންހެލުން އައިސްފައިވަނީ ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރަށް ކަމަށާއި ބިންހެލުމާ އެކު ސުނާމީ އަރާފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީ)އިން ބުނެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމަކަށް މިހާތަނަށް މައުލޫމާތު ލިބިފައިނުވާ ކަމަށް ޓެލެގްރާމް މެސެޖިން އެޕްގައި އާންމުކުރި ވީޑިއޯއެއްގައި ކަމްޗަޓްކާގެ ގަވަރުނަރު ވްލަޑިމިއާ ސޮލޮޑޯވް ވިދާޅުވިއެވެ. ނަމަވެސް، ކުޑަކުދިންނަށް ކިޔަވައިދޭ ސްކޫލެއް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދުގެ ބިންހެލުމަކީ ސީރިއަސް އަދި މިހާތަނަށް އައި ބިންހެލުންތަކުގެ ތެރެއިން އެންމެ ވަރުގަދަ ބިންހެލުން،"
ކަމްޗަޓްކާގެ ބައެއް ހިސާބުތަކުގައި 3-4 މީޓަރު (10-13 ފޫޓު) އުސްމިނުގައި ސުނާމީއެއް ރިކޯޑްކޮށްފައިވާ ކަމަށް ކުއްލި ހާލަތްތަކާ ބެހޭ ރީޖަނަލް މިނިސްޓަރު ސާގޭ ލެބެޑެވް ވެސް ވިދާޅުވިއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ)އިން ވެސް ވަނީ އެ ގައުމަށް ސުނާމީ އެޑްވައިޒަރީއެއް ނެރެ، ތިން މީޓަރުގެ އުސްމިނުގައި ރާޅު އަރާނެކަމުގެ އިންޒާރު ދީފައެވެ.
ޖޭއެމްއޭއިން ބުނީ ޖަޕާނުގެ ޕެސިފިކް އައްސޭރިފަށަށް ރާޅު އަރާނެ ކަމަށް ލަފާކުރެވެނީ ޖަޕާނު ގަޑިން ހެނދުނު 10:00 އިން 11:30 އާ ދެމެދު (ޖީއެމްޓީން 0100-0230) އާ ދެމެދު ކަމަށެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ހަވާއީ ސްޓޭޓާއި އަލަސްކާއަށް ވެސް ސުނާމީގެ އިންޒާރު ނެރެފައެވެ.