މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއާ ކުރުން ލަސްވެ، މާލޭގެ ބާޒާރުން އިއްޔެ ފިޔާ ހުސްވެފައިވަނިކޮށް މިއަދު ބާޒާރަށް ފިޔާ ނެރެން ފަށައިފިއެވެ.
ބާޒާރުގައި ފިޔާ ބަސްތާއެއް މިއަދު ހުރީ 450 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފިޔާ ކިލޯއެއް ހުރީ 35 ރުފިޔާއަށެވެ.
މީގެ ކުރިން އާއްމުކޮށް ފިޔާ ކިލޯއެއް 11 ރުފިޔާއަށް ލިބެއެވެ.
ބާޒާރުން ހުސްވުމާ ގުޅިގެ ފިޔަލުގެ އަގު ވަނީ ކުޑަކޮށް މައްޗަށް ގޮސްފައެވެ. އިއްޔެއާ ހަމައަށް ފިޔާ ބަސްތާއެއް ބާޒާރުގައި ލިބެން ހުރީ 360 ރުފިޔާއަށެވެ. އަދި، ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ.

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް
'ސަން' އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މަދު މަދުން ބާޒާރަށް މިވަގުތު ދަނީ ފިޔާ ނެރެމުންނެވެ. ނަމަވެސް އަދި ބާޒާރުގައި ފިޔާ ހުރީ ވަރަށް މަދުން ކަމަށް ވިޔަފާރިވެރިއަކު ބުންޏެވެ.
"މެންދުރު ފަހުން ފެށިގެން ފިޔާ ތަންކޮޅެއް ތިޔާގި ވާނެ. އޭރަށް އަގު ވެސް ދަށް ވާނެ," ވިޔަފާރި ވެރިއަކު ބުންޏެވެ.
އިއްޔެ ވިޔަފާރިވެރިން ބުނި ގޮތުގައި، މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވީ ފިޔާ ގެންނަ ބޯޓު މާލޭ ބަނދަރުގައި އޮތް ނަމަވެސް، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މުދާ ކްލިއާކުރުން މެދުކެނޑުމުންނެވެ. އެހެންވެ، އިއްޔެ ފިޔާ ލިބެން ހުރީ މާލޭގެ ކަންމަތީ ފިހާރަތަކުގައި ހުރި މަދު ސްޓޮކެކެވެ.
އިއްޔެ އެސްޓީއޯއިން ބުނީ، އެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ސްޓޮކެއް އެތެރެކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި، އުންމީދަކީ ވީއެންމެ އަވަހަށް އެ ސްޓޮކް ލިބުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ފިޔާ ސްޓޮކެއް ގެނައުމަށް ނިންމިއިރު، އަގުތައް ކޮންޓްރޯލްކޮށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ރޯދަމަހަށް އެސްޓީއޯއިން ތަކެތި އެތެރެކުރެއެވެ. އެގޮތުން، ފިޔާގެ އިތުރަށް ލޮނުމެދާއި ލުނބޮޔާއި އަލުވި ފަދަ ބާވަތްތައް މީގެކުރިން ވެސް އެސްޓީއޯއިން ބާޒާރަށް ނެރެފައި އެބަހުއްޓެވެ.