ފަތްޖެހޭ ފުރަތަމަ އައިފޯން އަންނަ އަހަރު ނެރެނީ: ރިޕޯޓް

އެޕަލްގެ ފުރަތަމަ ފޯލްޑަބަލް (ފަތްޖަހައިލެވޭ) އައިފޯން 2026 ވަނަ އަހަރު ނެރޭނެ ކަމަށް މަޝްހޫރު އެނަލިސްޓަކު ލަފާކޮށްފިއެވެ.

އެމެރިކާގެ މާލީ ދާއިރާގެ މަޝްހޫރު 'ޖޭޕީ މޯގަން' ކުންފުނީގެ އެނަލިސްޓަކު ލަފާކުރާ ގޮތުގައި، އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯން، 'އައިފޯން ފޯލްޑް'ގެ ނަމުގައި 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު 'އައިފޯން 18' ގެ ސީރީޒްއާ އެކު ނެރޭނެއެވެ.

މި އަހަރު ނެރޭ އައިފޯން 17 ސީރީޒްގައި ބޮޑެތި ބަދަލުތަކެއް ނުފެންނާނެ ކަމަށް ބެލެވޭތީ، އިންވެސްޓަރުންގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ 2026 ވަނަ އަހަރުގެ ލައިންއަޕަށެވެ. މިކަމާ ގުޅޭގޮތުން އެޕަލްއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ލީކް ވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފޯނު ފަރުމާކޮށްފައިވަނީ ސެމްސަންގްގެ ގެލެކްސީ ޒެޑް ފޯލްޑް ސީރީޒްއާ އެއްގޮތަށް، ފޮތެއް ހެން ދެފަރާތަށް ހުޅުވޭ ގޮތަށެވެ.

މީގެ އެތެރޭގައި 7.8 އިންޗީގެ ފްލެކްސިބަލް ޑިސްޕްލޭއެއް ހުންނައިރު، ބޭރުގައި 5.5 އިންޗީގެ ކަވަރު ސްކްރީނެއް ހުންނާނެ ކަމަށް ބުނެއެވެ. ފޯނު ލައްޕާފައި ހުންނައިރު އޭގެ ބޯމިނަކީ 9.2 މިލިމީޓަރު ކަމަށާއި، ހުޅުވާފައި ހުންނައިރު 4.6 މިލިމީޓަރު ކަމަށް ވެސް ބައެއް ލީކްތަކުގައިވެއެވެ. ފޯނުގެ ފްރޭމް އެލްމިނިއަމް އެލޯއިން ހަދާފައި ހުންނާނެ ކަމަށާއި ފަހަތުގައި ދެ ކެމެރާގެ ސެޓަޕެއް ހިމެނޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ޖޭޕީ މޯގަންގެ އެނަލިސްޓް ލަފާކުރާ ގޮތުގައި، އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނުގެ އަގު 1,999 ޔޫއެސް ޑޮލަރަށް (ގާތްގަނޑަކަށް 30,800 ދިވެހި ރުފިޔާ) އަރާނެއެވެ. ނަމަވެސް، މީގެ ކުރިން ލީކްވި ބައެއް މައުލޫމާތުތަކުގައި ބުނެފައިވަނީ އަގު 2,300 ޔޫއެސް ޑޮލަރަށް (ގާތްގަނޑަކަށް 35,500 ދިވެހި ރުފިޔާ) އަރާނެ ކަމަށެވެ.

އެނަލިސްޓް ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރު މި ފޯނުގެ 10-15 މިލިއަން ޔުނިޓް ވިކޭނެއެވެ. އަދި، 2029 ވަނަ އަހަރު އަންނައިރު ވިކޭ އަދަދު 45 މިލިއަނާ ގާތްކުރާނެ ކަމަށް އޭނާ ލަފާކުރެއެވެ.

މި ފޯނުގެ ސަބަބުން އެޕަލްއަށް 65 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެއެވެ.

މި ފޯނު އުފެއްދުމުގެ ސަޕްލައި ޗެއިންއިން އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބެލެވެނީ އިލެކްޓްރޯނިކް ކަނެކްޓަރު އުފައްދާ އެމްފިނޯލްއާއި، ޚާއްސަ ގްލާސް އުފައްދާ ކޯނިންއަށެވެ.

ފޯލްޑަބަލް ނުވަތަ ހުޅުވާ ލެއްޕޭ ސްމާޓްފޯނުގެ ބާޒާރަކީ މިހާރު ވެސް ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ބާޒާރެކެވެ. މި ދާއިރާގައި މި ވަގުތު އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވަނީ ސެމްސަން (ގެލެކްސީ ޒެޑް ފޯލްޑް އަދި ފްލިޕް ސީރީޒް އާއެކު)، ގޫގުލް (ޕިކްސެލް ފޯލްޑް)، އަދި ޗައިނާގެ ބައެއް ބްރޭންޑްތަކުންނެވެ. ނަމަވެސް، ސްމާޓްފޯނު ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލް، މިހާތަނަށް މި ބާޒާރަށް ވަދެފައެއް ނުވެއެވެ.

އެޕަލްއިން ފޯލްޑަބަލް ފޯނެއް އުފައްދަމުން އަންނަ ކަމުގެ އަޑުތައް ފެތުރިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. އެޕަލްގެ އާންމު އުސޫލަކީ، އާ ޓެކްނޮލޮޖީއެއް ފުރިހަމައަށް ތަރައްގީވެ، އޭގައި ހުންނަ މައްސަލަތައް ކުޑަވުމުން އެ ބާޒާރަކަށް ވަނުމެވެ. އެހެންކަމުން، އެޕަލްއިން ފޯލްޑަބަލް ފޯނެއް ނެރުމަކީ މި ޓެކްނޮލޮޖީއަށް އިތުބާރު ލިބި، އާންމުންގެ މެދުގައި މުޅިން އާ އުސްމިނަކަށް މަގުބޫލުވެ، ވާދަވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމެކެވެ.

comment ކޮމެންޓް