ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމް, 29 އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ތަހުގީގަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މޫސާ މަރާލާފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. ވަޅިން ހަމަލާދީ މޫސާ މަރާލާފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް, 29 އެވެ. ކޯޓުގައި އަމިއްލައަށް އިއުތިރާފުވުމުން އިއްޔެ މާވަށު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މާރާމާރީގައި މަރުވި މޫސަގެ ހަށިގަނޑު އަންގާރަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަނީ މާލެ ގެނެސްފައެވެ. ފުލުހުން އޭނާގެ ހަށިގަނޑު ނުވަޅުލައި މާލެ ގެނައީ އިތުރު ތަހުލީލުތައް ކުރުމަށްޓަކައެވެ.
'ސަން'އަށް މައުލޫމާތު ދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ތަހުގީގު ނިންމައި މޫސާގެ ހަށިގަނޑު އޯޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު، މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އަދި، އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފައެވެ.

މާވަށުގައި މީހަކު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ --- ފޮޓޯ/ ފުލުހުން
މި ހާދިސާގައި މަރުވި, މޫސައާއި ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ, މުހައްމަދުއަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން މޫސައަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށެވެ. މުހައްމަދަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ. މީގެ ތެރެއިން ވަރުގަދަ ކަމަށް މުޅި އެ އަތޮޅަށާއި މާލެއަށް ވެސް މަޝްހޫރު މީހަކީ މަރުވި މޫސައެވެ.
އިއްޔެ މި ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއަކީ މޫސަ އަތުން މުހައްމަދު ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދީގެން މީގެ ދެތިން ދުވަސް ކުރިން ފެށިގެން ހިނގަމުން އައި މާރާމާރީއެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެގޮތުން، އިއްޔެ މަގުމަތިން މުހައްމަދު ހިފަހައްޓައި މާރާމާރީ ހިންގަމުން ދަނިކޮށް މުހައްމަދު އަތުގައި އޮތް ވަޅިއެއް ނަގައި އޭނާ މޫސަ ކަރުގައި އެޅީ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
މި މާރާމާރީ ހިންގުމަށް ފަހު، ދުވެފައި މުހައްމަދު ދިޔައީ އެ ރަށު ފުޓްބޯޅަ ދަނޑާ ދިމާލު މޫދަށް ކަމަށާއި އެ ދިމާއަށް ވަޅި އެއްލާލައި ގައިދޮވެގެން އެ ރަށުގެ ފުލުހުންގެ މަރުކަޒަށް ގޮސް އޭނާ ފުލުހުންނާ ހަވާލުވީ ކަމަށް ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.
ގާތިލު ކަމަށް ތުހުމަތުކުރެވޭ މުޙައްމަދަކީ ވެސް ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ މާވަށަށް ގޮސް އުޅުނީ އެ ރަށު އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެއެވެ.