ބާޒާރުގައި ތަކެތި މަދުވެ، 'ރަން' އަގުގައި

ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި: މިހާރު ބާޒާރުމަތީގެ ތަކެތި ހުރީ 'ރަން' އަގުގައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ބާޒާރުމަތީގައި ތަކެތި މަދުވުމުން އަގުތައް އުފުލި، 'ރަން' އަގުގައި ތަކެތި ވިއްކަން ފަށައިފިއެވެ.

ލޯކަލް މާރުކޭޓުން 'ސަން'އާ ވާހަކަދެއްކި ވިޔަފާރިވެރިއެއް ކަމަށްވާ އަލީ ޝަރީފް ބުނީ، މި ވަގުތު ބާޒާރުމަތީގައި ތަކެތި ވަރަށް މަދު ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ދަތުރުތައް ކެންސަލްވެ، ރަށްރަށުން އަންނަ ދޯނިފަހަރުތައް ނައުމެވެ.

މޫސުން އަލިވެ، ދޯނިފަހަރުތައް އަންނަން ފެށުމުން ބާޒާރުމަތި ތިޔާގިވާނެ ކަމަށް އޭނާ ލަފާކުރިއެވެ. ތަކެތި މަދުވުމުގެ ސަބަބުން އަގުތައް ވެސް އުފުލިފައިވާކަމަށް އޭނާ ބުންޏެވެ.

ބާޒާރުމަތީގައި ލެޓިއުސް އަދި ހިކަނދިފަތް ވިއްކަނީ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ބާޒާރުމަތީގައި މި ވަގުތު ބައެއް ތަކެތި ހުރި އަގުތައް

  • ފެހި އަދި ރަތް އާފަލު - 10 ރުފިޔާ
  • އަނބު ކިލޯއެއް - 120 ރުފިޔާ
  • ކަރާ ކިލޯއެއް - 30 ރުފިޔާ
  • ފޭރު ކިލޯއެއް - 90 ރުފިޔާ
  • ރަންބުސްތާނު ކިލޯއެއް - 150 ރުފިޔާ
  • ކިވީ ކިލޯއެއް - 200 ރުފިޔާ
  • މިރުސް ކިލޯއެއް - 170 ރުފިޔާ/ މިރުހުގެ 100 ގްރާމް - 20 ރުފިޔާ
  • ލެޓިއުސް ފަތް ކިލޯއެއް - 60 ރުފިޔާ
  • ކޮޕީ ފަތް - ދެ ރުފިޔާ
  • ބަށި ކިލޯއެއް - 50 ރުފިޔާ
  • ފަޅޯ - 30 ރުފިޔާ
  • ލުނބޯ ކިލޯއެއް - 30 ރުފިޔާ
  • ބަރަބޯ ކިލޯއެއް - 25 ރުފިޔާ

ބާޒާރުން މީހަކު މިރުސް ގަންނަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިޔަފާރިވެރިން ބުނި ގޮތުގައި އާންމުކޮށް ދިވެހީން ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ މިރުސް ނުވަތަ ލުނބޮލުގެ އަގު މިވަނީ އުފުލިފައެވެ. މީގެ ކުރިން ލުނބޯ ކިލޯއެއް ވިއްކަމުން އައީ 60 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.

އެންމެ ފަހުން މިރުހުގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ ރޯދަމަހާ ދިމާކޮށެވެ. އޭރު ވެސް މިރުސް ކިލޯއެއްގެ އަގު ހުރީ 180 ވަރަށެވެ. މިހާރު މިރުސް ކިލޯއެއްގެ އަގު 170އަށް އަރައިފައިވާއިރު، އަދިވެސް އަގު އުފުލިދާނެ ކަމަށް ވިޔަފާރިވެރިން ބުންޏެވެ. އާންމު ގޮތެއްގައި 100 ރުފިޔާއަށް މިރުސް ކިލޯއެއް ލިބެއެވެ.

މާލޭ ބާޒާރުގައި މިއަދު ވިއްކަން ބަހައްޓާފައި ހުރި އާފަލްތަކެއް: އާފަލެއްގެ އަގު މިހާރު މި ވަނީ ގާތްގަނޑަކަށް ދެ ގުނަ ވެފައި-- ފޭސްބުކް ފޮޓޯ/ ބިލާލް އަބްދުއްސައްތާރު

ޚާއްސަކޮށް ކުރިން އެންމެ ފަސް ރުފިޔާއަށް ލިބެން ހުރި އާފަލު މިހާރު ބާޒާރުމަތީގައި މިއުޅެނީ 10 ރުފިޔާއަށެވެ. އާފަލު ފޮށިގަނޑެއް ލިބެން މިހުރީ 1،000 ރުފިޔާއަށް ވުރެ މަތީގައެވެ. ކުރިން އާފަލު ކޭހެއް އާއްމުކޮށް 580 ރުފިޔާއަށް ނުވަތަ 600 ރުފިޔާއަށް ގަންނަން ލިބެއެވެ.

https://sun.mv/208714

ފާހަގަކޮށްލެވޭ ގޮތުގައި އާފަލުގެ އަގު މައްޗަށް ދާން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

އާފަލަކީ ރާއްޖޭގައި އާއްމުކޮށް ހެދޭ ބާވަތަކަށް ނުވާއިރު ލިބެން ހުރި ތަފާސްހިސާބުތަކުން އެނގޭގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އާފަލު އެތެރެކުރަނީ ސައުތު އެފްރިކާއިންނެވެ. އެ ގައުމުން 2023 ވަނަ އަހަރު ވަނީ ރާއްޖެއަށް 1,967,300 ކިލޯގެ އާފަލު އެތެރެކޮށްފައެވެ.

comment ކޮމެންޓް