އެމެރިކާގެ ސެން ފްރެންސިސްކޯއަށް ސުނާމީ އަރައިފި

އެމެރިކާގެ ސެން ފްރެންސިސްކޯއަށް ސުނާމީ އަރައިފި

ރަޝިޔާގެ އުތުރަށް މިއަދު ހެނދު އައި ބިންހެލުމާ ގުޅިގެން ވަރަށް ބޮޑު ބަޔަކަށް ސުނާމީގެ އިންޒާރުދީފައި ވަނިކޮށް، އެމެރިކާގެ ސެން ފްރެންސިސްކޯއަށް ސުނާމީ އަރައިފިއެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ރާޅުތައް އަރާފައިވަނީ އެމެރިކާ ގަޑިން މެންދުރު 1:12 ހާއިރު (ޖީއެމްޓީ 08:12) އެވެ.

އުތުރު ކެލިފޯނިއާއަށް ފުރަތަމަ ރާޅު އަރަން ފެށީ މެންދުރު 12:45 ހާއިރު ކްރެސެންޓް ސިޓީ އާއި ހަމްބޮލްޑްޓް ބޭއަށެވެ. އޭގެ ފަހުން 12:50 ހާއިރު، ސުނާމީ ރާޅުތައް މޮންޓެރީއަށް ފޯރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މޫސުމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އުސް ރާޅުތައް އުފެދޭނެ ކަމަށް ބެލެވޭނީ ރޭގަނޑުއެވެ.

ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގެ އައްސޭރިފަށަށް 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ނޭޝަނަލް ސުނާމީ ސެންޓަރުން ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެ އިންޒާރުގައި ފުރަތަމަ ހިމެނެނީ މެންޑޮސިނޯ ކައުންޓީން ފެށިގެން މޮންޓެރީ ކައުންޓީއާ ހަމައަށް އައްސޭރިފަށުގެ ސަރަހައްދުތަކެވެ.

އޮފިޝަލުން ދަނީ ސުނާމީގެ އިންޒާރު އުވާލަންދެން ގޮނޑުދޮށްތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކުން ދުރުގައި ތިބުމަށް އިލްތިމާސް ކުރަމުންނެވެ.

ބާރުގަދަ ބިންހެލުމާއި ގުޅިގެން ހަވާއީއަށް ވެސް ވަނީ ސުނާމީ އަރާފައެވެ.

ބިންހެލުމާ ގުޅިގެން 11 ގައުމަކަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، ސުނާމީގެ ރާޅުތައް ހަވާއީގެ އިތުރުން ރަޝިއާއާއި ޖާޕާނުގެ ބައެއް ސަރަހައްދުތަކަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައެވެ. އެ ހާދިސާއާ ގުޅިގެން ގެތަކަށް ގެއްލުން ލިބިފައިވާއިރު، ބޮޑު ސަރަހައްދެއް ފެނު އަޑީގައި އޮތް ކަމަށް ވެސް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް