އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ޝުޖާއުއަށް ދެ ލައްކައެއްހައި ރުފިޔާ ދޭން ހުކުމެއް

ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން އަތްޕުޅުން ހޯއްދަވާފައިވާ ލޯނެއްގެ ފައިސާ ނުދައްކައިގެން އެ ފައިސާ، އަނބުރާ ރައްދު ކުރުމަށް މީހެއްގެ މައްޗަށް ހުކުމް ކޮށްފިއެވެ.

މިއީ، 2023ވަނަ އަހަރުގެ މެދުތެރޭގައި ޝުޖާއު، މ. ސީކުއީން އަހްމަދު ހަމީދަށް ދިން ފައިސާތަކެއްގެ މައްސަލައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ޝުޖާއު އެ މީހާއަށް ދިން ފައިސާގެ ތެރެއިން، 200,000 އެއްހައި ރުފިޔާ އަދިވެސް ނުދައްކައެވެ.

މި ފައިސާ ދައްކަން އެ މީހާގެ މައްޗަށް އެންމެ ފުރަތަމަ ހުކުމްކޮށްފައި ވަނީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ ޝުޖާއު އާއި ހަމީދުއާ ދެމެދު "ފައިސާ ދިނުމާއި ހަވާލުވުމުގެ އެއްބަސްވުން"ގެ ނަމުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދިން ފައިސާއެކެވެ. މި ފައިސާ އަނބުރާ ނުދީގެން ޝުޖާއު ފުރަތަމަ ކޯޓަށް ހުށަހެޅުމުން، 2023ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުކުމްކޮށްފައިވަނީ 14 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސް ކުރާށެވެ. އެ ހުކުމް އެކަމަކު ކޮށްފައިވަނީ ހަމީދުގެ ގައިރު ހާޒިރުގައެވެ.

އެ މައްސަލައިގައި ކޮށްފައިވާ ހުކުމާ އެއްގޮތަށް ޝުޖާއުއަށް ފައިސާ ދައްކާފައިނުވާތީ، އެ ހުކުމް ތަންފީޒުކޮށްދިނުން އެދި ޝުޖާއުގެ ފަރާތުން އަލުން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ހުކުމް ތަންފީޒަށް އެދުނު މި މައްސަލައާ ގުޅިގެން މި ހަފުތާގައި ކުރި ހުކުމުގައި ބާކީ ނުދައްކައި އޮތް ކަމަށް އޮތީ ގާތްގަނޑަކަށް 200،000 އެއްހާ ރުފިޔާއެވެ. ކޯޓު މެދުވެރިކޮށް 80،000 ރުފިޔާ ދައްކާފައިވާއިރު، ބާކީ ނުދައްކައި އޮތް ފައިސާއާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެކަމަކު ހަމީދުގެ ހުރި މުދަލާއި ފައިސާގެ ކަންކަމަށް ބެލިއިރު، އޭނާގެ މައްޗަށް އެހެން ހުކުމެއް ވެސް އޮތްކަން ފާހަގަކޮށްފައިވެއެވެ. އަދި ހަމީދުގެ ނަމުގައި އެމްޓީޑީސީގައި އޮތް 15،000 އެއްހާ ރުފިޔާ ކޯޓަށް ނަގައި، ޝުޖާއުއަށް ދިނުމުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޝުޖާއު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިމަހުގެ 21ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމުން އެ މަގާމު ހުސްވުމުންނެވެ.

comment ކޮމެންޓް