ލުއި ލޯނެއް ނުދައްކައިގެން ކުރީގެ މެންބަރު ޖަމްޝީދަށް ހުކުމެއް

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޖަމްޝީދު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޖަމްޝީދު މުހައްމަދުގެ މައްޗަށް ބޭންކް ލޯނެއް ނުދައްކައިގެން ހުކުމެއް އިއްވައިފިއެވެ.

މިއީ، ޖަމްޝީދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުންނެވިއިރު، ބޭންކް އޮފް މޯލްޑިވްސުން ނެންގެވި ލުއި އެކްސްޕްރެސް ލޯނަކަށް ދައްކަން ޖެހޭ ފައިސާ ބޭންކް އޮފް މޯލްޑިވްސްއަށް ނުދައްކައިގެން، އެ ކުންފުނިން ޖަމްޝީދާ ދެކޮޅަށް ކުރި ރަހުނު ނުހިމެނޭ ބޭންކިން މުއާމަލާތްތަކާ ގުޅޭ ލޯނެއްގެ މައްސަލައެވެ.

މަޖިލިސް މެންބަރުކަން ކުރެއްވުމުގެ ކުރިން ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ޖަމްޝީދު މި ލޯން ނަންގަވާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހެވެ. އޭރު ޖަމްޝީދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. ލޯންގެ ގޮތުގައި ބޭންކުން ނެންގެވީ 280،000 ރުފިޔާ ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ބޭންކުން ޖަމްޝީދާ ދެކޮޅަށް ދައުވާކުރީ މި އަހަރުގެ އޭޕްރީލް މަހެވެ. އޭޕްރީލް މަހު، ޖަމްޝީދާ ދެކޮޅަށް ކުރި މި ދައުވާއާ ގުޅިގެން މޭ މަހު ދައުވާ ފޯމާއި ލިޔެކިޔުންތައް ޖަމްޝީދަށް ރައްދުކުރި ނަމަވެސް އޭނާ މައްސަލައިގައި ޖަވާބުދާރީވެފައެއްނުވެއެވެ. އެހެންވެ، ސިވިލް ކޯޓުން މި މައްސަލައިގެ ހުކުމްކުރީ ޖަމްޝީދުގެ ގައިރު ހާޒިރުގައެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ 10 މަސް ދުވަހުގެ ތެރޭގައި ޖަމްޝީދު ލޯނަށް މިހާރު ނުދައްކައިވާ ފައިސާ ދައްކާ ޚަލާސް ކުރުމަށެވެ. ހުކުމުގައިވާ ގޮތުން އެއީ، 231،136.69 ރުފިޔާއާއި ބޭންކް ރިކަވަރީ ފީގެ ގޮތުގައި ދައްކަން ޖެހޭ 5000 ރުފިޔާއެވެ.

ޖަމްޝީދަކީ މަޖިލިސް 19 ގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގެންނެވި މެންބަރެކެވެ.

comment ކޮމެންޓް