ބާޒާރުގައި ފިޔާގެ އަގު ހެޔޮވެއްޖެ، ކިލޯއެއް 20 ރުފިޔާއަށް

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް: ބާޒާރުގައި ފިޔަލުގެ އަގު ހެޔޮވެއްޖެ -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

މާލޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު މައްޗަށް ދިޔުމަށްފަހު މިހާރު އެ އަގުތައް އަނެއްކާވެސް ދަށްވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވީ، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއާ ކުރުން ލަސްވުމުންނެވެ. އެއާއެކު ފިޔާ ލިބެން ހުރި ކުދި ފިހާރަތަކުން އެކަންޏެވެ.

އިއްޔެ ބާޒާރުގައި ފިޔާ ބަސްތާއެއް ހުރީ 450 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފިޔާ ކިލޯއެއް ހުރީ 35 ރުފިޔާއަށް ވުރެ މަތީގައެވެ.

ލޯކަލް މާރުކޭޓުން 'ސަން' އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނި ގޮތުގައި މިއަދު ބާޒާރު މަތީގައި ފިޔާގެ އަގު އަނެއްކާވެސް ދަށްވެއްޖެއެވެ. އެގޮތުން މިއަދު ފިޔާ ކިލޯއެއް 20 ރުފިޔާއަށް ނުވަތަ 25 ރުފިޔާއަށް ލިބެން އެބަހުރި ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު މިއަދު އުޅެނީ 400 ރުފިޔާއަށް ވުރެ ދަށުން ކަމަށް ވިޔާފާރިވެރިޔާ ބުންޏެވެ.

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

އެކަމަކު ވެސް މިއީ އަދި އާއްމު އަގެއް ނޫނެވެ. އާއްމުކޮށް ފިޔާ ކިލޯއެއް މީގެ ކުރިން ވިއްކަމުން އައީ 11 ރުފިޔާއަށެވެ.

ފިޔާގެ އިތުރު ސްޓޮކްތައް ލިބޭނަމަ، އަދި އެއަށްވުރެ ވެސް ދަށްވެދާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރިއެވެ.

ފިހާރަތަކުގައި ވެސް ފިޔަލުގެ އަގު ވަނީ ދަށްވެފައެވެ. މާލެއިން ފިޔާ ހުސްވުމާއެކު ފިހާރަތަކުގައި ވެސް އިއްޔެ ފިޔަލުގެ އަގު މަތިވިއެވެ. ނަމަވެސް މިއަދު ފިޔާ ކިލޯއެއް ހުރީ 20 ރުފިޔާއަށެވެ.

ފިޔާއަކީ އާއްމުކޮށް ކޮންމެ އިރަކު ވެސް ދިވެހީންގެ ކެއުމުގައި ބޭނުންކުރާ މުހިންމު ބާވަތެކެވެ.

https://sun.mv/209252

އެކަމާ ގުޅިގެން އެސްޓީއޯއިން ބުނީ، އެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ސްޓޮކެއް އެތެރެކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި، އުންމީދަކީ ވީއެންމެ އަވަހަށް އެ ސްޓޮކް ލިބުން ކަމަށް އެސްޓީއޯއިން ބުންޏެވެ. ނަމަވެސް އަދި މިހާތަނަށް އެ ސްޓޮކް އައިސްފައެއް ނުވެއެވެ.

އެސްޓީއޯއިން ފިޔާ ސްޓޮކެއް ގެނައުމަށް ނިންމިއިރު، އަގުތައް ކޮންޓްރޯލްކޮށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ރޯދަމަހަށް އެސްޓީއޯއިން ތަކެތި އެތެރެކުރެއެވެ. އެގޮތުން، ފިޔާގެ އިތުރަށް ލޮނުމެދާއި ލުނބޮޔާއި އަލުވި ފަދަ ބާވަތްތައް މީގެކުރިން ވެސް އެސްޓީއޯއިން ބާޒާރަށް ނެރެފައި އެބަހުއްޓެވެ.

comment ކޮމެންޓް