ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުން މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާދެއްވާފައި ވަނިކޮށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް މިއަދު އިސްތިއުފާދެއްވައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި މައުރޫފް ވަނީ، މަގާމަށް އައްޔަންކުރިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމަވައިފައެވެ. ނަމަވެސް ރިޓަޔާކުރެއްވުމުގެ ކުރިން އޭނާ އިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ. އިސްތިއުފާދެއްވި ވަކި ސަބަބެއް ނޭނގެއެވެ.
ކަން އެހެން އޮއްވައި މިއަދު، އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ ފަޔާޒު ވެސް މިވަނީ އިސްތިއުފާދެއްވައިފައެވެ. ނަމަވެސް އަދި މިހާތަނަށް ކުރި މަސައްކަތުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ.
ފަޔާޒު އެ މަގާމަށް އައްޔަނުކުރީ، މިއަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
ފަޔާޒަކީ އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަ އާކިޓެކްޓެކެވެ. އޭނާ ވަނީ 1996ވަނަ އަހަރު، އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން ކުއަންޓިޓީ ސާވެއިންއިން ޑިގްރީ ހާސިލްކުރައްވައިފައެވެ. އަދި 2000ވަނަ އަހަރު، ނިއު ޒިލޭންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންގްޓަނުން ބިލްޑިން ސައިންސުން މާސްޓާޒް ހާސިލްކުރައްވައިފައެވެ.
ފަޔާޒު ވަނީ ހުޅުމާލޭ ހިއްކި ދުވަސްވަރު އެ މަސައްކަތުގައި މުހިންމު ދައުރެއް އަދައިކުރައްވައިފައެވެ. އެގޮތުން ރައީސް އޮފީހުގައި ހުޅުމާލެ ޑިވެލޮޕްމަންޓު ޔުނިޓުގެ ކުއަންޓިޓީ ސާވެޔަރެއްގެ މަގާމުގައި 2001 އިން 2002 އަށް، އަދި ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުގައި 2002 އިން 2004 އަށް އޭނާ މަސައްކަތް ކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަމާނާތްތެރި ހިންގުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައުރޫފާ އެޗްޑީސީ ހަވާލު ކުރީ މި ސަރުކާރުގައި ފުރަތަމަ އެ މަގާމަށް ވަޒީރެއްގެ ފެންވަރުގައި އައްޔަންކުރެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ވަރަށް ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްސަލަ ބަލަން ފެށުމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މައުރޫފް އިއްޔެ އިސްތިއުފާދެއްވުމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިއްޔެ ވަނީ ބަދަލުކޮށްފައެވެ. އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް ވަނީ އައްޔަންކޮށްފައެވެ.