ބޮލަށް ދިން އަނިޔާއިން މަރުވި އަބްދުއްރަހްމާންގެ އޮޓޮޕްސީއިން އެނގުނީ މަރުވީ ބޮލަށް ލިބުނު އަނިޔާއިންކަން

އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް: ބޮލަށް ދިން އަނިޔާއިން މަރުވި އަބްދުއްރަހްމާންގެ އޮޓޮޕްސީއިން އެނގުނީ މަރުވީ ބޮލަށް ލިބުނު އަނިޔާއިންކަން --

މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި, އެ ރަށު އޯކިޑުމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރުވީ ބޮލަށް "ލިބުނު" އަނިޔާތަކުގެ ސަބަބުންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ، އަބްދުއްރަހްމާން މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޯޓޮޕްސީ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް މީގެ ކުރިން ފުލުހުން ބުނީ އަބްދުއްރަހްމާންގެ ބޮލަށް ރަހުމު ކުޑަ އަނިޔާތަކެއް ދިންކަމަށެވެ. އެހެންކަމުން އާ ކަމެއް ފުލުހުން ނުބުނެއެވެ.

އަދި އެ މައްސަލައަށް މިއަދަށް 18 ދުވަސް ވެގެންދިޔައިރު މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަބްދުއްރަހްމާނަށް ފަރުވާދޭން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.

އއ. މާޅޮސް

އޭގެ ފަހުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލުމަށް ފަހު ބުދަ ދުވަހުގެ ރޭ 7:50 ހާއިރު މާލެއަށް ހަށިގަނޑު ގެނައުމަށް ފަހު، ބުރާސްފަތި ދުވަހު ވަނީ ވަޅުލައިފައެވެ.

އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު މީގެ ކުރިން ބުނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ.

https://sun.mv/208524

ނިމާލް ބުނީ، އާންމުކޮށް އެކުގައި ނިދި ނަމަވެސް ހާދިސާ ހިނގި ރޭ އޭނާގެ ބައްޕައާއި މަންމަ ނިދަން އޮތީ ވަކިން ދެ ކޮޓަރިއެއްގައި ކަމަށެވެ. އޭނާގެ މަންމަ، ނާޒިމާ ބުނި ގޮތުގައި ނާޒިމާއަށް ކުއްލިއަކަށް ހޭލެވުނީ މީހަކު ބާރަށް ދުވެފައި ދާ އަޑު އިވިގެން ކަމަށް ވެސް ނިމާލް ބުންޏެވެ. އެހެންވެ، ކޮޓަރިން ބޭރު ބަލައިލިއިރު ފެނުނީ ގޭގެ ދޮރު ހުޅުވިފައި ހުރި ތަން ކަމަށް އޭނާގެ މަންމަ ބުނިކަމަށް ނިމާލް ބުންޏެވެ.

ރަހުމު ކުޑަ ގޮތަކަށް ހަމަލަދީ، ޒަޚަމުކޮށްލިއިރު، އެފަދަ ކަމެއް، މީހަކު ކޮށްފާނެކަމަށް ވެސް ހިތަށް ނާރާ ކަމަށް ނިމާލް ބުންޏެވެ. އަދި، ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަަގަވި ނަމަ މަންމައާއި ބައްޕަ އެކަނި ދޫކޮށްފައި މާލެ ނަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.

comment ކޮމެންޓް