ދުނިޔޭގެ އެންމެ ބޮޑެތި، އެންމެ ވަރުގަދަކަމަށް ވަކާލާތުކުރާ ޑިމޮކްރެސީތަކުގައި ވެސް މަރާލައި ފަހުން މައުސޫމްކަން ސާބިތުވެފައި އެބަހުއްޓެވެ. އޭގެ އެންމެ މަޝްހޫރު އެއް މިސާލަކީ، ފެބްރުވަރީ 2004 ގައި އެމެރިކާގައި މަރައިލި، ކެމެރޮން ޓޮޑް ވިލިންހެމްގެ މައްސަލައެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރީ އަމިއްލަ ގޭގައި ހުޅުޖަހައި، ތިން ދަރިން މަރާލިކަމަށް ސާބިތުވެގެންނެވެ. އެކަމަކު، އެތައް އަހަރެއް ފަހުން ސައެންސާއި ފޮރެންސިކް ޓެކްނޮލޮޖީގެ އަލީގައި އެނގުނީ އެއީ ވިލިންހެމް އަމިއްލައަށް ޖެހި ހުޅެއް ނޫން ކަމެވެ.
ކުރެވޭނެ ކަމެއް ދެން ނޯންނާނެއެވެ. މަރުގެ ހުކުމް އެ އޮތީ ތަންފީޒުކުރެވިފައެވެ. އެއީ އެންމެ ވަރުގަދަކަމަށް ވަކާލާތުކުރާ ޑިމޮކްރެސީތަކުގައި ހިނގާފައި ހުރި ނާއިންސާފުގެ ބަދަލުނުދެވޭނެ ހަގީގަތްތެކެވެ.
މަރުގެ އަދަބު، ޚާއްސަކޮށް ގިސާސް ހިފުމާ މެދުގައި ދެބަސްވުމެއް ނެތެވެ.
ރާއްޖޭގެ ގާނޫނުލްއުޤޫބާތުގައި ވެސް މަރުގެ އަދަބު އެބައޮތެވެ. އެކަން ކުރީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 2014 ވަނަ އަހަރެވެ. އޭގެ ފަހުން މަޑުމަޑުން ލަސްލަހުން އޮތީ މަރުގެ އަދަބު ތަންފީޒުކުރަން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފައެވެ. އެކަމަކު، އޭގެ ފަހުން އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އެ ވިސްނުމެއް ނުގެންގުޅެއެވެ. އަނެއްކާ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ދޭތެރެއަކުން އެ ވާހަކަ އެބަދައްކަވައެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ޑުރަގު ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް މަރުގެ އަދަބު ދޭން މަޝްވަރާކުރާ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
މަރުގެ އަދަބާ ގުޅޭ ގޮތުން މި ސަރުކާރުން ދެއްކި ވާހަކައިގެ ޓައިމްލައިން:
- ޑިސެންބަރު 20، 2023 – ގިސާސް ހިފާނެކަމުގެ ޔަގީންކަން ދިން
- އޮގަސްޓް 14، 2024 – ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނެއް ޑްރާފްޓްކުރި
- އޮކްޓޫބަރު 22، 2024 – ގިސާސް ހިފަން ތައްޔާރުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި
- ޖުލައި 30، 2025 – ޑުރަގު ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރާ ކަމަށް ރައީސް ވިދާޅުވި
އެއީ އިންތިޚާބަށް ދައްކާ 'ހުސް' ވާހަކަ؟
ގިސާސްގެ ވާހަކަދައްކާއިރު އެންމެ ފަހު މަރުހަލާ ވެސް ނިމި، ހުކުމް ތަންފީޒުކުރަންވެފައި ތިން މީހުން މިހާރު ވެސް އެބަތިއްބެވެ. ބޭނުންވަނީ ހަމައެކަނި ރައީސްގެ ނިންމެވުމެވެ. އެކަން ތަންފީޒުކުރެއްވުމެވެ.
އެއް މައްސަލައަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވި ހުސައިން ހުމާމްގެ މައްސަލައެވެ. އަދި، މާރިޗު، 2009 ގައި މަޖިދީމަގުގައި ވަޅިއަކުން ހަމަލާދީ ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލި މައްސަލައިގައި ގ. ރީފް މުހައްމަދު ނަބީލްގެ މައްޗަށް ސާބިތުވި މަރުގެ ދައުވާއާއި ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލިކަން ސާބިތުވެ މ. މަސްރޫރާ އަހްމަދު މުއްރަތުގެ މައްޗަށް ސާބިތުވެ މަރުގެ ދައުވާއެވެ. ތިން މައްސަލަ ވެސް އޮތީ ތަންފީޒީ މަރުހަލާގައެވެ.
"މިއީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބާއި މިހާރު އިހަކަށް ދުވަހު އައިސް ޑުރަގާ ގުޅޭ މައްސަލަތަކުގައި ދެތިން މީހަކު މަރާލީމާ އާންމުންގެ ކަންބޮޑުވުންތަކާ އެއްޗެހި އޮތީމާ ބުނެލީ. ސީރިއަސްކޮށް އެކަން ކުރާކަށް ބުނާ ވާހަކައެއް ނޫން އެއީއަކީ،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިކަމާ ގުޅިގެން ވިދާޅުވިއެވެ.

މަގުތަކާއި މައިދާންތައް ޑްރަގް ބޭނުންކުރާ މީހުންގެ ތަންމަތި ތަކަކަށް: މާލޭގެ އާޓިފިޝަލް ބީޗުގައި މީހަކު ނިދާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އޭނާގެ ވާހަކަ ސާފެވެ. ގިސާސް ވެސް ތަންފީޒެއް ނުވެއެވެ. ދެން މިހާރު އެ ދައްކަވަނީ އަދި މާ ދިގު، އުނދަގޫ ކަމެއްގެ ވާހަކަފުޅެވެ.
އެކަން ނުކުރެވި އޮތް އަނެއް ސަބަބަކީ ބޭރުގެ ގޮންޖެހުމެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި ހުޅަނގުގެ ޖަމާއަތްތަކުން އެ ކަމަށް ދެކޮޅު ހެދުމެވެ. އެހީތައް ކަނޑާލުމެވެ. އެކިއެކި ޕްރެޝަރު ކުރުމެވެ. އެހެންވެ، އަމުދުން ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި އެ ފަދަ ހުކުމެއް ތަންފީޒުކުރެވޭނީ ވަރަށް ވަރުގަދަ ލީޑަރަކަށެވެ. ކޮންމެކޮންމެ މީހަކަށް އެ ކަމެއް ނުވާނެއެވެ. ޚާއްސަކޮށް ފުނޑިފައި އޮތް އިގުތިސާދެއްގައެވެ. ދަރަނި ބޮޑުވެ، ހަދާނެ ގޮތް ނޭނގިފައި ތިބެގެން އެއީ ކުރަން ދަތިވާނެ ކަމެކެވެ.
"އެ މީހުން [ޔޫރަޕް]ގެ ސަރުކާރުތަކުން ފިއްތުން ކުރިމަތިކުރުމާއި ބަޔާން ނެރުމާއި ބައެއް ހިލޭ އެހީ ކަނޑާލުމާއި މި ކަންތައްތައް ހިނގާނެ. ދެން އަދި އަނެއްހެން ޕްރެޝާކުރަން ހުންނާނެ އެންޖީއޯތައް އުފައްދާފައި. އަހަރެމެން ކަހަލަ ކުޑަ ގައުމަކަށް އެއީއަކީ އެހާ ފަސޭހަކަމެއް ނޫން ކުރާކަށް. އެ ކަމަށް ވަރަށް ވަރުގަދަ އަޒުމާއި ލީޑާޝިޕް ހުންނަ ވެރިއަކު ބޭނުންވާނެ. ޖަސްޓް އެނީބަޑީ ކާންޓް ޑޫ އިޓް،" ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެ ދަތިތައް ދެކެފައި ހުންނެވި އުމަރު ކިޔައިދެއްވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރަން ގާނޫނީ ހުރަސްތައް ވެސް އެބަހުއްޓެވެ. އެއް ގާނޫނު އަނެއް ގާނޫނާ ފުށުއެރުމާއި މުހިންމު ބައެއް ގާނޫނުތަކުގައި މަރުގެ އަދަބު ނެތުމެވެ. އެހެންވެ، ބޮޑެތި ކުށްތަކުގައި މަރުގެ އަދަބެއް ނުދެވެއެވެ.
"ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ ފުރަތަމަ ކަމަކަށް އެހެން ހުރި ކަންކަން އިސްލާހުކުރަން ވީނުން؟ މަރުގެ އަދަބު ތަންފީޒުކުރުމާ މި ކަންކަން ވެސް ގާނޫނަށް ތިރިކުރަން ވީނުން؟ އެ ކަން ކުރާތަނެއް ނުފެނޭ،" ގާނޫނީ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރެއްވި ފުންނާބުއުސް ވަކީލަކު ހާލަތުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.
ރާއްޖޭގައި ހެޔޮވާނެތަ؟
ރާއްޖެއަކީ ނިސްބަތުން މަސްތުވާތަކެތީގެ މައްސަލަ ބޮޑު ގައުމެކެވެ. މީހުން މެރުމާއި އެ ނޫން ވެސް ހުރިހާ ޖަރީމާއެއްގެ ފެށުމަކީ އެއީއެވެ. ހޯމް މިނިސްޓަރުކަމާއި ސިފައިންގޭގެ ތަޖުރިބާއިން އުމަރަށް ފެންނަ ހައްލަކީ މަރުގެ އަދަބު ތަންފީޒުކުރުމެވެ. އިސްލާމީ ޝަރީއަތް ތަންފީޒުކުރުމެވެ. ހަލާކުވަމުން ގޮސް މަސްތުވާތަކެއްޗަށް ގެއްލި ދިއުމަކީ އެކަމުގެ ހިތި ނަތީޖާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް 80 އިންސައްތަ މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަ. ފުނިޖެހިފައި އޭނާގެ މޭޒު އެ ހުރީ. ކޯޓުތަކުގައި ހުރި މައްސަލަތަކުގެ 80 އިންސައްތައަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތައް، ކޮންމެ އަހަރަކު އޯވާޑޯޒްވެެގެން ހަމައެކަނި ވިއްސަކަށް މީހުން މަރުވޭ، އަދި، މަސްތުވާތަކެއްޗާ ރިލޭޓެޑް މައްސަލަތަކުގައި އަނަދާ 10 ޕީޕަލް އަހަރަކު،" މައްސަލައިގެ ފުންމިން އުމަރު ކިޔައިދެއްވިއެވެ.

ފުލުހުން މީގެ ކުރިން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: މިއީ އެންމެ ބޮޑު އެއް ވަބާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަކު، ސުވާލަކީ ރާއްޖޭގައި މި އޮތް ޖުޑިޝަރީގައި މީހަކު މަރާލަން ހެޔޮވާނެތޯއެވެ؟ ސިޔާސީ އެކްޓިވިސްޓުން ފަނޑިޔާރުންނަށްވެ، މައްސަލައެއްގެ ނިންމުން ބަދަލުކޮށްލަން ބޭނުންވީމާ މުޅި ބެންޗުއެކީ ބަދަލުކޮށްލާ ގައުމެއްގައި އެ ވަރު ކަމެއް ކުރަން ހެޔޮވާނެބާއެވެ؟
"މަރާލުމަށް ފަހު ދެން އަނބުރާ އިޔާދައެއް ނުކުރެވޭނެ. އެހެންވީމާ އޭގެ ކުރިން ހިނގާށޭ ކޮރަޕްޝަން މަދުކުރަން. ހިނގާށޭ ކޯޓުތަކުގެ ސްޕީޑް އަވަސްކުރަން. އެ ހުރިހާ ކަމެއް ކޮށްފައި ދެން ވެސް އިސްލާހު ނުވީމާ ދެން ހިނގާށޭ މީހުން މަރަން،" ކްރިމިނަލް ޖަސްޓިސް ދާއިރާގެ ތަޖުރިބާކާރަކު ހާލަތުގެ ގޮތުން ނަން ނުޖަހާން ޝަރުތުކޮށް ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ޑުރަގާ ގުޅުން ހުރި މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރަނީ ސިންގަޕޫރު މިސާލަކަށް ބަލައިގެންނެވެ. އެކަމަކު، އެ ބޭފުޅާ ވިދާޅުވި ގޮތުގައި އެއީ ސިންގަޕޫރުގައި ކުށްމަދުވި ސަބަބެއް ނޫނެވެ. ގިނަ މައްސަލަތަކެއްގައި މަސައްކަތްކުރައްވާފައިވާ ވަކީލު ވިދާޅުވީ، މުހިންމީ ސިސްޓަމް މަސައްކަތްކުރާނެކަން ޔަގީންވުން ކަމަށެވެ. މުހިންމީ އަދަބުގެ ކުޑަ ބޮޑު މިނެއް ނޫނެވެ. އަދަބު ތަންފީޒުވާނެކަމުގެ ޔަގީންކަމެވެ. ނިޒާމާ ނުކުޅެވޭނެކަމެވެ. ކުށްކުރީމާ އަދަބު ލިބޭނެކަން ޔަގީންވުމެވެ.
ދެން އޭނާ ކުރެއްވީ ސުވާލެކެވެ. އޮފީހަށް ގަޑިޖެހޭ މީހާ ވެސް މަތިންދާބޯޓަށް ގަޑިއަށްދަނީ ކީއްވެގެންހެއްޔެވެ؟ "އާނ. އެ މީހާއަށް އެނގޭ ގަޑިޖެހިގެން ގޮސްފިއްޔާ ފްލައިޓަށް ނޭރޭނެކަން. ކޮންސިކުއެންސެއް އޮންނާތީ ގަޑިއަށްދަނީ.... އަދަބަކުން ނޫން މީހުން އިސްލާހުވަނީ. ކިތަންމެ ކުޑަވިޔަސް ކޮންސިކުއެންސެއް އޮންނާނެކަން އެނގެންޏާ މީހުން ރައްކާތެރިވާނެ،"

ސުޕްރީމް ކޯޓު: ކޯޓުތަކަށް މީހުންގެ އިތުބާރު ކުޑަ -- ސަމް ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގައި ގިސާސް ހިފުމުގައި އޮތް ހަމައަކީ ތިން މަރުހަލާއިން ވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުމެވެ. އެއިން އެއްވެސް މަރުހަލާއެއްގައި އެއްވެސް ފަނޑިޔާރަކު އިންކާރުކޮށްފި ނަމަ މަރުގެ އަދަބެއް ނުދޭނެއެވެ.
"ވަރަށް ބޮޑަށް ވޯޓާޓައިޓް ކުރެވިފައި އެ އޮތީ. އެއީ ވެސް 100 ޕަސެންޓް ޔަގީނުން ވެސް މީހަކަށް ނުހައްގު އަދަބެއް ނުދެވޭނޭ ބުނުމެއް ނޫން. އެކަމަކު، އެއީ 99.9 ޕަސެންޓާ ހަމައަށް ގެނެވިފައި،" އުމަރު ވިދާޅުވިއެވެ. ޖުޑީޝަރީއަށް އެކަންވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެކަމަކު، ވެރިންގެ އިޚުލާސްތެރިކަމާއި ތެދުވެރިކަން ބޭނުންވާކަން ވެސް ގަބޫލުކުރައްވައެވެ.
މައްސަލައަކީ އެއީއެވެ. ވެރިންގެ އެ އިޚުލާސްތެރިކަން ނެތީއެވެ. ދެފުށް ފެންނަ ނިޒާމެއް ނެތީއެވެ.
މި ފަދަ ތަނެއްގައި ކުށެއްގެ ޖަޒާއެއްގެ ގޮތުން މީހަކު މަރާލަން އަދި ހެޔޮނުވާނެއެވެ. ފެބްރުވަރީ އެކެއް، 2018 އަކީ އެ ކަހަލަ އެއް މިސާލެވެ. އެންމެ މަތީ މަރުހަލާ ކޯޓުތަކަށް ވެސް އިތުބާރެއް ނެތްކަމުގެ ކުޑަކުޑަ މިސާލެކެވެ. އެހެންވެ، ރާއްޖޭގައި މުހިންމީ 'މޮޅު' ގާނޫނުތަކެއް ނޫނެވެ. މުހިންމީ ހުރި ގާނޫނުތައް ތަންފީޒުކުރުމެވެ. ތަންފީޒުވާތަން ފެނުމެވެ. ފައިސާވެރިންނާއި ބާރުވެރިންނަށް ވަކި ގޮތެއް ނުވާނެކަން ޔަގީންވީމާ ކުށްކުރުން ވެސް މަދުވާނެއެވެ.
"އަދަބެއް ދީގެން ހައްލުވާ ކަމެއް ނޫން. މިއަށް ހައްލު ގެންނަންޏާ ގެންނަން މީހުން އިއްތިފާގުވާ ކަންތައްތައް އެބަހުރި. ހާމް ރިޑަކްޝަން. ސަޕްލައި ރިޑަކްޝަން އަދިވެސް ބައެއް ކަންކަން. ޑިމާންޑް އޮތިއްޔާ ކަނޑުއަޑިން ވިޔަސް އެތެރެކުރާނެ،" ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކު ކިޔައިދެއްވިއެވެ.
އޭނާގެ ނަޒަރުގައި މުހިންމީ މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރުމެވެ. އެއަށް އޮތް ޑިމާންޑް ދަށްކުރުމެވެ. ކޮންމެ ފަދަ ރިސްކެއް ނަގައިގެން ވެސް ޑުރަގު ވިޔަފާރިކުރާ މީހުން އެކަން ކުރަނީ ޑިމާންޑް އޮތީމައެވެ. ވިކި ހުސްވާތީއެވެ. އެ ވިޔަފާރިން މުއްސަނދިވާތީއެވެ. އެހެންވެ، މައްސަލައިގެ ފަރުވާއަކީ ވެސް އެއީއެވެ. ޑިމާންޑް ދަށްކުރުމެވެ. ގާނޫނު ތަންފީޒުކުރުމެވެ. އިންތިޚާބުތަކަށް މޮޅު ވާހަކަދެއްކުމެއް ނޫނެވެ.
ޑުރަގުގެ ވަބާއާއި މަރުގެ އަދަބަކީ ދައްކަން މޮޅު ވާހަކައެކެވެ. ވޯޓަށް ރީތި މަންޒަރެކެވެ. އެކަމަކު، ހަގީގަތަކީ އެއީ 'ހުސް'ވާހަކަތަކެއް ކަމެވެ. ސިޔާސީ ސްޓަންޓެވެ.