ބައިނަލްއަޤްވާމީ ފުޓުބޯޅަ މެޗުތަކަށް ހާއްސަކޮށް ފީފާއިން ހަމަޖައްސާފައިވާ ދުވަސްތަކުގެ ތެރެއިން އަންނަ ސެޕްޓެމްބަރު މަހުގެ ފީފާ ދުވަސްވަރު ރާއްޖެއާއި ސްރީ ލަންކާއިން އެކުވެރިކަމުގެ ދެ މެޗު އެ ގައުމުގައި ކުޅެން ނިންމައިފިއެވެ.
ލަންކާގެ ދި ޑެއިލީ މޯނިން ސްޕޯޓްސްގައި މިކަން ހާމަކޮށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވާރު އުމަރު ވިދާޅުވީ މި ދެ މެޗު ކުޅުމަށް ރާއްޖެއިން އެއްބަސްވެފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ލަންކާއިން މަސައްކަތްކުރީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ސަރަހައްދުގެ ވަކި ޓީމުތަކަށް ދައުވަތުދީގެން މުބާރާތެއް ބޭއްވުމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާއިން ވަނީ ސުޕަ ކަޕުގެ ނަމުގައި ބާއްވާ އެ މުބާރާތަށް ބޫޓާނާއި އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލަށްވެސް ދައުވަތު ދީފައެވެ. މީގެތެރެއިން އިންޑިއާ ވަނީ އެ މުއްދަތުގައި ކުޅެވެން ނެތްކަމަށް އަންގާފައެވެ. އަދި ނޭޕާލާ ބޫޓާން އަދި ބަންގްލަދޭޝް އިިން ދައުވަތު ގަބޫލެއް ނުކުރިއެވެ.
އެއާއެކު ލަންކާއިން ނިންމީ އެ މުއްދަތުގައި ރާއްޖެއާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅޭށެވެ.
ފީފާގެ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ ދުނިޔޭގެ 171 ވަނައިގައެވެ. އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ލަންކާ އޮތީ ރޭންކިންގެ 196 ވަނައިގައެވެ. ނަމަވެސް އެ ގައުމު ވަނީ އެންމެފަހުން ކުޅުނު ބައިނަލްއަޤްވާމީ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.