އެކްސްބޮކްސް ގޭމް ޕާސްގެ އާމްދަނީ ފަސް ބިލިއަން ޑޮލަރަށް

މައިކްރޮސޮފްޓްގެ މަޝްހޫރު ގޭމިން ސަބްސްކްރިޕްޝަން ޚިދުމަތް، އެކްސްބޮކްސް ގޭމް ޕާސްއިން ފާއިތުވި އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ފަސް ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ.

ޖޫން 30 ގައި ނިމުނު 2025 ވަނަ މާލީ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ނަތީޖާ ހާމަކުރަމުން މައިކްރޮސޮފްޓުން ބުނީ ގޭމް ޕާސްގެ ކާމިޔާބީއަކީ އެ ކުންފުނިން އުންމީދުކުރި ވަރަށްވުރެ މާ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ފެބްރުއަރީ 2024 ގެ ނިޔަލަށް އެ ޚިދުމަތުގައި 34 މިލިއަން ސަބްސްކްރައިބަރުން ތިބިކަން ވަނީ ކުރިން ވެސް ކަށަވަރުކޮށްދީފައެވެ.

އާމްދަނީ ހާމަކުރި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައިކްރޮސޮފްޓްގެ ސީއީއޯ، ސަތްޔާ ނަޑެއްލާ ވަނީ އެކްސްބޮކްސްގެ ފުޅާވެފައިވާ ދާއިރާއަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، އެކި ޕްލެޓްފޯމްތަކާއި ޑިވައިސްތަކުގައި މަހަކު 500 މިލިއަން އެކްޓިވް ޔޫޒަރުން އެކްސްބޮކްސް ބޭނުންކުރާ ކަމަށާއި "ކޯލް އޮފް ޑިއުޓީ"އާއި "މައިންކްރާފްޓް" ފަދަ ބޮޑެތި ފްރެންޗައިޒްތަކުން ރިކޯޑް މިންވަރަކަށް ކާމިޔާބީ ހޯދަމުން އަންނަ ކަމަށެވެ.

މި އަހަރު ކްލައުޑް މެދުވެރިކޮށް 500 މިލިއަނަށްވުރެ ގިނަ ގަޑިއިރުގެ ގޭމްޕްލޭ ސްޓްރީމްކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަޑެއްލާ ވިދާޅުވީ، މައިކްރޮސޮފްޓް އެކްސްބޮކްސްގެ ކާމިޔާބީ ދެމިއޮތީ ހަމައެކަނި ކުއާޓަރުގައި އެކަނި ނޫން ކަމަށާއި ވާދަވެރި ޕްލޭސްޓޭޝަން ޕްލެޓްފޯމުގައި ވެސް އެންމެ ގިނަ ގޭމް ވިއްކި ޕަބްލިޝަރަކީ އެއީ ކަމަށެވެ. މިކަން ސާބިތުކޮށްދެނީ "ފޯޒާ ހޮރައިޒަން 5"އާއި "ދި އެލްޑާ ސްކްރޯލްސް IV: އޮބްލިވިއަން ރިމާސްޓާޑް" ފަދަ އެކްސްބޮކްސްގެ ގޭމްތައް ޕްލޭސްޓޭޝަންގައި ވެސް އެންމެ ބާރަށް ވިކެމުންދާ ގޭމްތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނުމުންނެވެ.

މައިކްރޮސޮފްޓްގެ ގޭމިން ޑިވިޝަންގެ އާމްދަނީ މި އަހަރު 10 އިންސައްތަ އިތުރުވެފައިވާއިރު، އެކްސްބޮކްސްގެ ކޮންޓެންޓާއި ޚިދުމަތްތަކުގެ އާމްދަނީ 13 އިންސައްތަ ކުރިއަރާފައިވާ ކަމަށް އެ ކުންފުނީގެ ސީއެފްއޯ، އެމީ ހޫޑް ވިދާޅުވިއެވެ.

މިފަދަ ބޮޑެތި މާލީ ކާމިޔާބީތަކާ އެކު ވެސް މައިކްރޮސޮފްޓުން ވަނީ މި މަހުގެ ކުރީކޮޅު ގޭމިން ޑިވިޝަނުން ބޮޑެތި ކުޑަކުރުންތަކެއް ގެނެސްފައެވެ. މިގޮތުން، 9،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބައެއް ސްޓޫޑިއޯތައް ބަންދުކޮށް އަދި ބައެއް ޕްރޮޖެކްޓްތައް ހުއްޓާލާފައިވެއެވެ.

މި ކަމާ ގުޅިގެން މައިކްރޮސޮފްޓް ގޭމިންގެ ސީއީއޯ، ފިލް ސްޕެންސާ ކުރިން ވިދާޅުވެފައިވަނީ ކުންފުނީގެ ކުރިމަގުގެ ކާމިޔާބީއަށްޓަކައި މިފަދަ ނިންމުންތައް ނިންމަންޖެހޭ ކަމަށާއި މިހާރު ފެންނަމުންދާ ކާމިޔާބީއަކީ ވެސް ކުރިން ނިންމި މިފަދަ ނިންމުންތަކުގެ ނަތީޖާ ކަމަށެވެ.

ގޭމް ޕާސް ޚިދުމަތް ދަނީ އަބަދު ވެސް އާ ގޭމްތަކުން މުއްސަނދިކުރަމުންނެވެ. މި އަހަރުގެ ތެރޭގައި "ކޯލް އޮފް ޑިއުޓީ" ގެ އިތުރުން "ކްލެއާ އޮބްސްކިއު: އެކްސްޕެޑިޝަން 33"، "ޑޫމް: ދަ ޑާކް އޭޖަސް" އަދި "އަވާވްޑް" ފަދަ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ ގޭމްތައް ވަނީ މި ޚިދުމަތަށް އިތުރުކޮށްފައެވެ.

comment ކޮމެންޓް