ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ރައީސް ހުށަހެޅުއްވުމުން، ރައީސަށް މަރުގެ އިންޒާރުދިން މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.
ރައީސް މި ހުށެހެޅުއްވުން ހާމަކުރެއްވީ ރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން ނޫހަކުން ހަދާފައިވާ ޚަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މަސީޙް މޫސާ ކިޔާ މީހަކު ވަނީ ރައީސަށް ހުތުރުބަހުން މުޚާތަބުކޮށް "މަރާލަން ޖެހޭ"ކަމަށް ލިޔެފައެވެ.
މި ޕޯސްޓުގެ ސްކްރީންޝޮޓް ސޯޝަލްމީޑިއާގައި ދައުރުވަނިކޮށް ފުލުހުން މިރޭ ބުނީ މި މައްސަލަ ބަލަމުންދާކަމަށެވެ.
ޑްރަގުގެ މައްސަލަތަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން ރޭ ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.
އެހެންކަމުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައި ވާކަމަށް އެ ޕޯސްޓުގައި ވެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރިމާންޑް ސެންޓަރުތައް ގާއިމްކޮށް، ފަރުވާގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ރައީސަށް ސޯޝަލްމީޑިއާގައި މީހަކު މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވިއެވެ.