އިންޑިއާގެ މަޝްހޫރު ޓެރެވަލް ޕްލެޓްފޯމް ޕިކް ޔޯ ޓްރޭލުން އިންތިޒާމްކޮށްގެން ރާއްޖެ ގެނައި 1000 ފަތުރުވެރިން ހިމެނޭ ގޯހައިލެވެލްގެ އިންޑިއަން ކޯޕަރޭޓް އޮފް ސައިޓަށް ވިޒިޓް މޯލްޑިވްސް އާއި އެމްއޭސީއެލްއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޕިކް ޔޯ ޓްރެއިލްއަކީ ދަތުރުތައް ރޭވުމުގައި އީޖާދީ ޓެކްނޮލޮޖީއަށް ބުރަވެފައިވާ ގޮތްތަކެއް ބޭނުންކުރާ އިންޑިއާގެ މާކެޓްގައި ވަރަށް ގިނަބަޔަކު ދަންނަ މަޝްހުރު ކުންފުންޏެކެވެ.
މި ދަތުރަކީ ރާއްޖޭގެ މަޝްހޫރުކަން އިންޑިއާގައި އިތުރުކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރިޔަށްގެންދާ ސްޓްރެޓީޖިކް މާކެޓިން ކެމްޕެއިންތަކަށް އެހީތެރިވެދޭ ހަރަކާތެކެވެ.
މި ފަތުރުވެރިނަށް ވިޒިޓް މޯލްޑިވްސް ކޯޕްރޭޝަނާއި މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ގުޅިގެން ކީ ހޫރުނު މަރުޙަބާގައި ބޮޑުބެރުގެ އިތުރުން ވެލްކަމް ހަދިޔާއެއް ވެސް ވަނީ އަރުވާފައިވާއިރު، މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް ފަރާތްކަމަށްވާ އިންޑިއާގެ ކޯޕްރޭޓް އަދި ގްރޫޕް ދަތުރުފަތުރަށް ރާއްޖެ އިޝްތިހާރުވާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
މޮޅެތި ފަންނާނުންނާއި މުވައްޒަފުން ހިމެނޭ މި ޓީމް ތިބީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 21އަށް ސަން ސިޔާމް އޮޅުވެލީގައެވެ. މި ޓީމުގައި ހިމެނޭ ވީއައިޕީން އައީ މިމަހުގެ 11ވަނަ ދުވަހުންފެށިގެން 13ވަނަ ދުވަހާ ހަމައަށެވެ.

މި ބޮޑު ކޯޕްރޭޓް އޮފް ސައިޓް ދަތުރުގެ ސަބަބުން، ހައި ޕްރޮފައިލް މައިސް ދަތުރުތައް ބޭއްވުމުގެ ޤާބިލުކަން ދިވެހި ރާއްޖެއަށް ލިބިގެންވާކަން ފާހަގަވުމުގެ އިތުރުން، ޕްރިމިއަމް ތަޖުރިބާތައް ހޯދުމަށް ބޭނުންވާ އިންޑިއާގެ ކޯޕްރޭޓް ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމުކަން ފާހަގަވާނެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ޕިކް ޔޯޓްރެއިލް ފަދަ މަޝްހޫރު ކުންފުންޏަކުން ރާއްޖެއަށް މިހާ ބޮޑު ވަފުދެއް ގެނައުމަށް ނިންމި ނިންމުމުން ދައްކުވައިދެނީ މި މަންޒިލަށް އިންޑިއާގެ ފަތުރުވެރިންގެ ފަރާތުން ލިބޭ ވަރުގަދަ އިތުބާރާއި ޝައުޤުވެރިކަންކަމަށެވެ.
އިންޑިއާއަކީ މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އެއް މާކެޓެވެ.
ހުރިހާ ބާވަތެއްގެ ދަތުރުފަތުރަކަށް ވެސް ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި، ދެމެހެއްޓުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން "މޭކް މައި ޓްރިޕް" އަދި ޓީބީއޯ ފަދަ އިންޑިއާގެ މަޝްހޫރު ދަތުރުފަތުރުގެ ބްރޭންޑްތަކާ ގުޅިގެން މަސައްކަތް ކުރާކަމަށް އެ ކުންފުނިން ބުންޏެވެ.