ދެވަނަ ކުއާޓަރުގައި އެމްއައިބީއަށް މާލީގޮތުން ބޮޑު ކުރިއެރުމެއް ލިބިއްޖެ

އެމްއައިބީގެ އޭޓީއެމްއެއް -- ސަން ފޮޓޯ/މާހިލް އާތިފް

މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ދެވަނަ ކުއާޓަރުގައި ވިޔަފާރީގެ މުހިންމު ދާއިރާތަކުން ފާހަގަކޮށްލެވޭ ކުރިއެރުތަކެއްލިބި، ރަނގަޅު މާލީ ނަތީޖާއެއް ހާސިލުކުރެވިފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ) އިން ބުނެފިއެވެ.

އެމްއައިބީން ބުނީ ބޭންކުގެ އެސެޓް ބޭސް އަދި ޑިޕޮސިޓް ބޭސް، ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ބޭންކުގެ އެސެޓް ވެލިއު 12.49 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް އަހަރުގެ ދެވަނަ ކުއާޓާރުގައި މިއަދަދު 13.45 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

އެމްއައިބީން ހާމަކުރިގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު 10 ބިލިއަން ރުފިޔާގައި ހުރި ޑިޕޮސިޓް، ދެވަނަ ކުއާޓަރުގައި ވަނީ 11 ބިލިއަނަށް ވުރެ އިތުރުވެފައެވެ. މީގެ އިތުރުން، ދެވަނަ ކުއާޓަރު ނިމުނުއިރު 6.57 ބިލިއަން ރުފިޔާގެ ފައިނޭންސް އެބޭންކުން ކޮށްދީފައިވެއެވެ. މިއާއެކު މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް އެބޭންކަށް ލިބުނު ސާފު ފައިދާ ވަނީ 182.97 މިލިއަން ރުފިޔާއަށް އަރާފައެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެބޭންކުން ވަނީ އެހެނިހެން ދާއިރާތަކުން ވެސް ކުރިއެރުން ހޯދާފައެވެ. އެގޮތުން ބޭންކުގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން މުޢާމަލާތްތަކުގެ އަދަދު 12 މިލިއަނުން 14.9 މިލިއަނަށް އިތުރުވެފައިވާއިރު، ކާޑުގެ މުޢާމަލާތްތައް 1.89 މިލިއަނުން 2.29 މިލިއަނަށް އިތުރުވެފައި ވާކަމަށް ވެސް އެމްއައިބީން ވަނީ ބުނެފައެވެ.

އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ.

އެބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރަށް އެބޭންކަކީ ރާއްޖޭގެ އެންމެ ޒަމާނީ ބޭންކިން ޚިދުމަތެއް ދޭ ބޭންކު ވެސް މެއެވެ.

އެގޮތުން ރާއްޖޭގައި ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމާއި، ބޭންކުގެ ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭ ހަމައެކަނި ބޭންކަކީ ވެސް އެމްއައިބީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު