މިހާތަނަށް ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެޅުވި އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ސޮރީ"ގެ ވަދާއީ ޝޯ ވެސް ހައުސްފުލްކޮށް ނިންމާލައިފިއެވެ.
ސޮރީގެ އެންމެ ފަހު ޝޯ ދައްކާފައިވަނީ ރޭގައެވެ. ޝޯ ދެއްކުމުގެ އެތައް ގަޑިއިރެއް ކުރީން ޕްރޮޑަކްޝަނުން ވަނީ ފޭނުން ގާތުން މައާފަށް އެދިފައެވެ. މި ފިލްމުގެ މަގުބޫލުކަން ބޮޑުކަމުން ފަހު ޝޯ ވެސް އޮތީ ހައުސްފުލްކޮށް ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.
ފިލްމުގެ ޝޯތައް ދެއްކުން ހުއްޓާލި ނަމަވެސް މި ފިލްމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށް ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ. އެއާއެކު އާ ޝޯތަކެއް، ހުޅުމާލޭގެ ޝްވެކް ސިނަމާގައި އެޅުވުމަށް ވިސްނުން ހުރި ކަމުގެ އިޝާރާތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ވަކި ކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ފާތިމަތު ނަހުލާގެ ސޮރީއަށް އާންމުންގެ ފަރާތުން ދީފައިވާ ތަރުހީބަށް އޭނާ އަދި ޕްރޮޑަކްޝަންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސޮރީ އަޅުވާ ނިމުނުއިރު ރޭގައި ދައްކާފައިވަނީ އޮލިމްޕަހުގެ 50 ވަނަ ސްކްރީނުންނެވެ. މިއީ އޭނާގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ޔޫސުފް" އާ އެއް އަދަދެކެވެ. އެއާއެކު އޮލިމްޕަހުގެ އެންމެ ކާމިޔާބު ޝޯތަކުގެ މަގާމުގެ އެއްވަނައިގައި މިހާރު އިނީ ނަހުލާގެ ދެ ފިލްމެވެ.
ފިލްމު އޮލިމްޕަހުން ނެގި ނަމަވެސް ފިލްމަށް އޮތް ތަރުހީބު ކުޑަވާނެ ކަމުގެ ކޮޅެއް ނުފެނެއެވެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އަލުން އޮލިމްޕަހަށް މި ފިލްމު ގެނައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަތޮޅުތެރޭގައި ވެސް ފިލްމުގެ ޑިމާންޑު ވަރަށް ބޮޑެވެ. އެކި ރަށްރަށުގައި މިހާރުވެސް މި ފިލްމުގެ ޝޯތައް އަންނަނީ އަޅުވަމުންނެވެ. އޭގެއިތުރުން ރާއްޖެއިން ބޭރުގައި ވެސް ފިލްމު ވަނީ އަޅުވާފައެވެ.
ސޮރީގެ ލީޑުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި މަރިޔަމް ނިޝާ ވެސް ފެންނާނެއެވެ.