މި އަހަރުގެ މެއި މަހު އިންޑިއާގެ އަވަށެއްގައި އަންހެނަކު އޭނާގެ ފިރިމީހާ މަރާލުމަށް ހިންގި ގަތުލު އާއްމުގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމައިފިއެވެ.
"ހަނީމޫން އިން ޝިލޮންގް"ގެ ނަމުގައި އުފައްދާ މި ފިލްމު ބިނާކޮށްފައިވަނީ، އިންޑިއާގެ އިންދޯރަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ރާޖާ ރަގުވަންޝީ ނަމަކަށް ކިޔާ މީހަކު މަރާލި ހާދިސާގެ މައްޗަށެވެ.
ފީޗާ ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ މި ފިލްމުގެ ޕޯސްޓަ ރިލީޒްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ. ފިލްމުގެ ޕޯސްޓަރު އާއްމު ކުރަމުން ރާޖާ ރަގުވަންޝީގެ ބޭބެ ބުނެފައިވަނީ އޭނާގެ ކޮއްކޮއާ މެދު ކަންހިނގި ގޮތް ވީހާވެސް ގިނަ ބަޔަކަށް އަންގަން ބޭނުންވާ ކަމަށެވެ.
ރާޖާ ރަގުވަންޝީ މަރާލާފައިވަނީ އަންހެނުން ސޯނަމް ރަގުވަންޝީއާ އެކު ކައިވެންޏަށް ފަހު ކުރި ހަނީމޫން ދަތުރުގެ ތެރޭގައި ވަރަށް ބޮޑަށް އެކަން ރާވައިގެން ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ސޯނަމް އޭނާގެ ފިރިމީހާ މަރާލީ ކޮން ސަބަބަކާހުރެ ކަމަށް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހަނީމޫން ދަތުރުގައި މަރާލި ރާޖާ ރަގުވަންޝީ އޭނާގެ އަންހެނުން ސޯނަމް ރަގުވަންޝީއާ އެކު--ފޮޓޯ/އިންޑީއާޓީވީ
ކައިވެންޏަށް ފަހު މި ދެމަފިރިން ހަނީމޫނަށް ގޮސްފައިވަނީ އިންޑިއާގެ ހިލް ސްޓޭޝަނެއް ކަމަށްވާ ޝިލޮންގްގެ މެގާލާޔާ ކިޔާ އަވަށަކަށެވެ. އިތުރު ތިން މީހަކާ އެކު ވަރަށް ބޮޑަށް ރޭވިގެން ހިންގި މި ގަތުލު އާއްމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރާޖާ ރަގުވަންޝީގެ އަންހެނުން ކަމަށް އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ.
ރާޖާގެ މަރުވެފައިވާ ހަށިގަނޑު ފުލުހުންނަށް ފެނިފައިވަނީ އޭނާ މަރާލިތާ އެއް ހަފުތާ ފަހުން މި އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑު ފުލުހުންނަށް ހޯދުނީ ރެއާއި ދުވާލު މަސައްކަތްކޮށް އެކަމަށް ޚާއްސަ އިންވެސްޓިގޭޝަނެއް ހިންގުމަށްފަހުއެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނިގޮތުގައި މަރާލާފައިވާ ރާޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ދުވަސް ވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވާން ކައިރިވެފައެވެ. ރާޖާގެ މަރުގެ ތުހުމަތުގައި އޭނާގެ އަންހެނުން ސޯނަމް ރަގުވަންޝީއާ އެކު އެކަމުގައި ބައިވެރިވި އިތުރު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
މި މަރުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު ގެނެސްދެނީ ވަރުޝާޓީވީ އެންޑް ފިލްމު ޕްރޮޑަކްޝަންސްއިންނެވެ. ފިލްމު ޑައިރެކްޓްކުރަނީ އެސްޕީ ނިމްބަވާތު އަދި އާކާޝް ޝަރުމާ ގުޅިގެންނެވެ.
ރާޖާގެ އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފިލްމުގެ ސްކްރިޕްޓް އާއިލާއާ ހިއްސާކޮށްފައިވާއިރު މި ފިލްމު މެދުވެރިކޮށް ރާޖާގެ މަރުގެ ހަގީގަތް ބެލުންތެރިންނަށް ހާމަކޮށްދެވޭނެ ކަމުގެ އުއްމީދު އެ އާއިލާއަށް އެބައޮތެވެ.