ޗެޓްޖީޕީޓީގައި ހިއްސާކުރާ ވާހަކަތައް ގޫގުލް ސާޗުން ފެންނަ މައްސަލައެއް

ޗެޓްޖީޕީޓީގައި ހިއްސާކުރާ ވާހަކަތައް ގޫގުލް ސާޗުން ފެންނަ މައްސަލައެއް

މަޝްހޫރު އޭއައި ޗެޓްބޮޓް ޗެޓްޖީޕީޓީގައި ހިއްސާކުރާ ވާހަކަތައް ގޫގުލް ސާޗުން އެހެން މީހުންނަށް ފެންނަން ހުންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޗެޓްޖީޕީޓީގެ ޔޫޒަރުންގެ އަމިއްލަ ވާހަކަތައް ގޫގުލް ފަދަ ސާޗް އިންޖީނުތަކުން ފެންނަން ހުރެދާނެކަން އޯޕަންއޭއައި އިން ވެސް ވަނީ އެއްބަސްވެފައެވެ. މިއީ އޯޕަންއޭއައި އިން ތަޖުރިބާއެއްގެ ގޮތުގައި ތައާރަފުކުރި ފީޗާއެއް ކަމަށާއި، މިހާރު އެ ފީޗާ ނިއްވާލާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިކަން އެންމެ ފުރަތަމަ ފާހަގަވީ 'ފާސްޓް ކޮމްޕެނީ' ނޫހަށެވެ. އެ ނޫހުން ރިޕޯޓްކުރި ގޮތުގައި، ގޫގުލްގައި "site:chatgpt.com/share" މިހެން ޖެހުމަށްފަހު ލަފްޒެއް ލިޔެ ސާޗްކުރުމުން، ޔޫޒަރުން ހިއްސާކޮށްފައިވާ އެތައް ހާސް ވާހަކައެއްގެ ލިންކުތައް ފެންނަން ހުއްޓެވެ. އެ ނޫހުގެ ތަހުގީގަށް 4,500 އަށްވުރެ ގިނަ ޗެޓް ފެނިފައިވާއިރު، އިންޑެކްސްވެފައިވާ ވާހަކަތަކުގެ އަސްލު އަދަދު މިއަށްވުރެ މާ މަތިވުން އެކަށީގެންވެއެވެ.

މިގޮތަށް ފެންނަން ހުރި ގިނަ ވާހަކަތަކުގައި މީހުންގެ އަމިއްލަ ޒާތީ މައުލޫމާތުތަކެއް ނުހިމެނުނު ނަމަވެސް، ބައެއް ވާހަކަތަކުން ޔޫޒަރުންގެ ނަމާއި، ދިރިއުޅޭ ތަނާއި، އަދި ވަޒީފާގެ މައުލޫމާތު ފަދަ ތަފުސީލުތައް ހާމަވެފައިވެއެވެ.

މިސާލަކަށް، 'ޓެކްކްރަންޗް' ނޫހުން ކުރި ތަހުގީގެއްގައި، ވަޒީފާއަކަށް ހުށަހަޅާފައިވާ ސީވީއެއް އަލުން ލިޔެދިނުމަށް ޗެޓްޖީޕީޓީގައި އެދިފައިވާ ވާހަކައެއް ފެނިފައިވެއެވެ. އެ ވާހަކައިގައި ހުރި މައުލޫމާތު ބޭނުންކޮށްގެން، އެ ސީވީގެ ވެރިމީހާގެ ލިންކްޑިން އެކައުންޓް ފަސޭހައިން ހޯދާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޯޕަންއޭއައިގެ ޗީފް އިންފޮމޭޝަން ސެކިއުރިޓީ އޮފިސަރު، ޑޭން ސްޓަކީ، އެކްސް ގައި ވިދާޅުވީ، މިއީ ބޭނުންތެރި ވާހަކަތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ޗެޓްޖީޕީޓީގެ މަދު ޔޫޒަރުންކޮޅަކަށް ތަޖުރިބާކުރި ފީޗާއެއް ކަމަށެވެ. މި ފީޗާ ބޭނުންކުރުމަށް، ޔޫޒަރުން އަމިއްލައަށް އެމީހުންގެ ވާހަކައިގެ ލިންކެއް ހަދައި، އެއަށްފަހު އެ ލިންކް އާންމުކުރުމަށް އިޚްތިޔާރު ކުރަންޖެހެއެވެ.

ސްޓަކީ އިތުރަށް ވިދާޅުވީ، އޯޕަންއޭއައި އިން ޔޫޒަރުންގެ ސަލާމަތާއި ޕްރައިވެސީއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށާއި، މި ފީޗާގެ ސަބަބުން، މީހުންނަށް ނޭނގި ނުވަތަ އޮޅުމަކުން އަމިއްލަ މައުލޫމާތު ހިއްސާކުރެވުމުގެ ފުރުސަތު މާ ބޮޑުކަމަށް ގަބޫލުކުރެވޭތީ އެ ފީޗާ މިހާރު ނިއްވާލާފައިވާ ކަމަށެވެ. އަދި ސާޗް އިންޖީނުތަކުން މިހާރު ފެންނަން ހުރި ވާހަކަތައް ފުހެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު