ތަރުހީބު ބޮޑު، އެޗްޑީސީގެ "މައިންކްރާފްޓް" ފުޅަނދު މިއަދު ހުޅުމާލޭގައި ދައްކާލަނީ

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފުޅަނދުބުރުގެ ތެރެއިން ދައްކާލި އެޗްޑީސީގެ ފުޅަނދު: މި ފުޅަނދަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން, ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރު ކުރި ފުޅަނދު މިއަދު އާއްމުންނަށް ދައްކާލަން ނިންމައިފިއެވެ.

ރާއްޖެ މިނިވަންވިތާ 60 ވަނަ އަހަރު ފާހަގަކުރުމަށްޓަކައި މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ފުޅަނދުބުރުގެ ހަރަކާތުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެކައްޗަކީ އެޗްޑީސީގެ ފުޅަނދެވެ.

އެޗްޑީސީގެ ފުޅަނދު ތައްޔާރުކޮށްފައި ވަނީ މިހާރު އެންމެ މަގުބޫލު ބިލްޑް އެންޑް ސިމިއުލޭޝަން އެއް ގޭމުކަމަށްވާ މައިންކްރާފްޓް ރަމްޒުކޮށްދޭ ގޮތަށެވެ. ފަނަރަ ދުވަހުގެ ތެރޭ އެ ކޯޕަރޭޝަނުން މި ފުޅަނދު ފަރުމާކުރީ ޕްލައިވުޑާއި ވެލްޑްކުރި ދަގަނޑު ބޭނުންކޮށްގެންނެވެ.

އެޗްޑީސީގެ ފުޅަނދު ކައިރީގައި ހަރަކާތްތެރިވި މައިންކްރާފްޓްގެ ކެރެކްޓަރަކާ ކުޑަކުއްޖަކު ސަލާންކޮށްލަނީ -- ސަން ފޮޓޯ: މޫސާ ނަދީމް

މި ފުޅަނދުގައި ހުޅުމާލޭގެ ތިން ފިޔަވަހި ރަމްޒުކޮށްދެއެވެ. އެއީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުންނަ ރުނބައާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލައިދޭ ބްރިޖާއި، ފައިނޭންޝަލް ޑިސްޓްރިކްޓަކަށް ހަދާ ތިންވަނަ ފިޔަވަހީގެ ރަމްޒީ ތިން އިމާރާތެވެ. ފުޅަނދު ކައިރީގައި މައިންކްރާފްޓްގެ ކެރެކްޓާތައް ހަރަކާތްތެރިވަމުން ދިޔައެވެ.

އެޗްޑީސީން މިއަދު ބުނީ، އެ ކޯޕަރޭޝަންގެ ފުޅަނދަށް ލިބުނު ތަރުހީބާ ގުޅިގެން މިއަދު ހަވީރު 4:30 އިން ފެށިގެން އިރުއޮއްސި 18:00 ޖެހުމާ ހަމައަށް، އަދި މިރޭ 8:00 އިން 10:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ދައްކާލުމަށް ނިންމާފައިވާ ކަމަށެވެ.

މައިންކްރާފްޓް ކެރެކްޓަރެއް ކައިރީ ކުޑަކުއްޖަކު ފޮޓޮއަކަށް ހުއްޓިގެން -- ސަން ފޮޓޯ: މޫސާ ނަދީމް

އެ ކޯޕަރޭޝަނުން ބުނީ، އެންމެ ފުރަތަމަ ނިންމީ މިދިޔަ ހޯމަ ދުވަހުގެރޭ ދެވަނަ ފަހަރަށް ފުޅަނދު ދައްކާލުމަށް ކަމަށާއި، ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކުރީ ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ މީހުންނާއި ކުޑަކުދިންގެ ސަމާލުކަން އަބަދު ވެސް ހޯދާ އެއް ހަރަކާތަކަށް ވެފައިވަނީ ފުޅަނދުބުރުގެ ހަރަކާތްތަކެވެ. އެގޮތުން މި އަހަރާއި މިދިޔަ އަހަރު ބޭއްވި ފުޅަނދުބުރު ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދިއެވެ.

comment ކޮމެންޓް