ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް, ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.
ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، މިދިޔަ މާޗް މަހުގެ 29ގައި ރައީސް ވަނީ ރަށްރަށުގެ އިހުތިސާސް ކަނޑައަޅަން އެ މަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ކެލާގެ ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރައްވައިފައެވެ.
އެހެންނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު 14 ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައި، އިއުލާނުކުރިއިރު އޭގެ ތެރޭގައި ކެލާގައި ރިސޯޓުތައް ތަރައްގީކުރުމަށް ހިމަނާފައެއް ނުވެއެވެ. އެ އިއުލާނުގައި ރާއްޖޭގެ 11 ފަޅަކާއި، ދެ ރަށެއްގެ އިތުރުން ފިނޮޅެއްގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފައިވެއެވެ.
އެ އިއުލާން ނެރުނުތާ މަހެއްވީ ފަހުން މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާނަށް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގައި ވަނީ، ރިސޯޓު ތަރައްގީ ކުރަން ކެލާ ފަޅުން 156.2 ހެކްޓަރުގެ ސަރަހައްދަކާއި، 169.3 ހެކްޓަރުގެ ސަރަހައްދެއް ދޫކުރާކަން ހިމަނައިފައެވެ.
މި ދެ ފަޅުގައި ވެސް 150 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ވަނީ ބީލަމަށް ހުޅުވާލައިފައެވެ.
މިނިސްޓްރީގެ އިއުލާނުގައި ވާގޮތުންނަމަ ރިސޯޓުތައް ތަރައްގީކުރަން މިހާރު ހުޅުވާލާފައި މިވަނީ 16 ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި:
- ހއ. އަތޮޅުގެ ފަސް ފަޅެއް - 150 އެނދުގެ ފަސް ރިސޯޓު
- ހދ. އަތޮޅުގެ ފަސް ފަޅެއް - 150 އެނދުގެ ފަސް ރިސޯޓު
- ށ. އަތޮޅުގެ ތިން ފަޅެއް - 150 އެނދުގެ ފަސް ރިސޯޓު
- ތ. ކުރަންދުވަރު - 100 އެނދުގެ ފަސް ރިސޯޓު
- ތ. ކަނޑޫފުށި - 100 އެނދުގެ ފަސް ރިސޯޓު
- ލ. ގަސްގަނޑުފިނޮޅު - 100 އެނދުގެ ފަސް ރިސޯޓު
ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް މިހާރު ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ.
އެ މައްސަލައަށް ލިބޭނެ ހައްލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ މިހާރު ތަރައްގީ ކުރަމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. މިދިޔަ މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެ އެއާޕޯޓު ތަރައްގީ ކުރުމުގެ 88.7 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި، އަންނަ ސެޕްޓެންބަރުގައި އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވަނީ މި އަހަރާއި އަންނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ އަހަރުތައް ކަމަށާއި ވައުދުތައް އެ މުއްދަތުގައި ފުއްދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށްރަށުގެ ރައްޔިތުން ގާތަށް ވަޑައިގެން ތަކުރާރުކޮށް އެމަނިކުފާނު ދަނީ އެފަދައިން ވިދާޅުވަމުންނެވެ.